ވިޔަފާރި

މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފި


މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޮކް އެކްސްޗޭންޖްގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފިއެވެ.

އިސްލާމިކް ބޭންކުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ރަޖިސްޓްރީކުރުމާ ގުޅިގެން އެ ކުންފުނިން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، އެމްއައިބީން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ރަޖިސްޓްރީވެގެންދިއުމަކީ އެ ބޭންކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހެދުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށާއި، ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބެންކުގެ ހައިސިއްޔަތުން އެ ބެންކަށް މިކަމުގައި ކުރެވޭނެ ކަންތައްތައް ގިނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށް އެ ބެންކުން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ހިއްސާގަތް ހުރިހާ އިންވެސްޓަރުންގެ ހިއްސާ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީޒްގެ (އެމް.އެސް.ޑީ) އެކައުންޓްތަކަށް މިހާރު ޖަމާކޮށްފައިވާކަމަށް އެ ބެންކުން ބުނެއެވެ. އިސްލާމިކް ބެންކުން، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ރަޖިސްޓްރީކުރުމާއިއެކު އެ ބެންކުންގަތް ހިއްސާ މިހާރު ވިއްކާލެވޭނެއެވެ.

އެމްއައިބީއިން މުޅިން އަލަށް ހިއްސާ ވިއްކާފައިވާއިރު، ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތުގައި 356 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އެމްއައިބީއިން ބުނީ އެކުންފުނިން ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ހިއްސާ ގަތުމަށް 16146 ފަރާތަކުން ފޯމް ހުށަހަޅާފައިވާކަމަށެވެ.

އެމްއައިބީއިން ހިއްސާ ވިއްކުމަށް ފުރަތަމަ ހުޅުވާލީ ޖުލައި މަހުގެ 28 އިން ފެށިގެން ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހާއި ހަމައަށެވެ. އެހެންނަމަވެސް ބޭންކުން ވަނީ ގިނަ އާންމުންނަށް ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލުމަށްޓަކައި ސެޕްޓެމްބަރު މަހުގެ 22 ނިޔަލަށް ހިއްސާ ވިއްކާފައެވެ. އެމްއައިބީގެ ހިއްސާ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ގަނެފައިވެއެވެ. މީގެއިތުރުން ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުންވެސް އެ ބެންކުގެ ހިއްސާވަނީ ގަނެފައެވެ.