ޚަބަރު

ނޮޅިވަރަމުގައި ފުލުހުންގެ މަރުކަޒެއް ހުޅުވާ ހިދުމަތް ދޭން ފަށައިފި


ހދ ނޮޅިވަރަމުގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކޮށް އެރަށުގައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފިއެވެ. ނޮޅިވަރަމުގައި މިހާތަނަށް ފުލުހުންގެ ހިދުމަތް ދެމުން އައީ ފުލުހުންގެ ޑެސްކެއް އެރަށުގައި ބަހައްޓައިގެންނެވެ.

ނޮޅިވަރަމްގެ އަލަށް ޤާއިމުކުރު ފުލުހުންގެ މަރުކަޒު ހުޅުވާދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދުއެވެ. މި މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ރަށްޜަށާއި މުޅި ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ އާމާޒަކީ ސަރުކާރުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ދިނުންކަމަށެވެ.

" މިހާރު ފުލުހުންގެ ހިދުމަތް ބައްޓަން ކުރަމުން މިދަަނީ ހުސްއެކަނި ކުށްވެރިން ހިފާ ހައްޔަރުކުރާ ބައެއްގެ ގޮތުންގައި ނޫން. އޭގެ ބަދަލުގައި ރަށްރަށުގެ ރައްޔިތުންނާއި ގުޅިގެން އިޖްތިމާއި އަދި އިގްތިސާދީ ކަންކަންކަމުގައި ބައިވެރިވާ ބައެއްގެ ގޮތުގައި" ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

ނޮޅިވަރަމް ފުލުހުންގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އަލަށް މި ހުޅުވި މަރުކަޒުގައި ހުރިހާ ހިދުމަތްތަކެއް އަދި ލިބެން ނެތްނަމަވެސް ކައިރި މުސްތަގުބަލެއްގައި މި މަރުކަޒުންވެސް އެންމެ ޒަމާނީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބްރާހިމް ރަޝީދު ދެއްކެވި ވާހަކަގައި އެރަށަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަތައްކަމުން އެ މައްސަލައަށް ހައްލު ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އަލަށް ހުޅުވި މަރުކަޒުގައި މަސައްކަތް ކުރާ ފުލުހުންގެ އަދަދު އިތުރުކޮށްދެއްވުމަށްވެސް ކައުންސިލްގެ ރައީސް އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގެ ހުރިހާ ސަރަހަދެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރޭގައި ވަނީ ހއ ހޯރަފުށީގައި ހުރި ފުލުހުންގެ މަރުކަޒު ތަރައްޤީކޮށް އައު އިމާރާތެއް ހުޅުވާފައެވެ.