ޚަބަރު

މ. ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް އިންޑިއާއިން ހިލޭ އެހީ ދީފި


މ. ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް އިންޑިއާއިން ހިލޭ އެހީ ދީފިއެވެ.

އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ ހިލޭ އެހީގެ ތެރެއިން މުލަކު އަތޮޅު ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް 1.5 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ރައްޔިތުންނަށް، ޚާއްސަކޮށް އަންހެނުންނާށާއި އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރި މާހައުލެއް ފަހިކޮށްދިނުމަށްޓަކައި ރަށްރަށުގައި މަގު ބައްތި ހަރުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއްކަން ދިވެހި ސަރުކާރުން ފާހަގަކުރައްވައެވެ. މި މަޝްރޫޢުގެ ދަށުން ކޮޅުފުށީގެ މީހުން ދިރިއުޅޭ ސަރަހައްދުގައި 115 މަގު ބައްތި ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓަކީ މި އަހަރުގެ މާޗް މަހުގެ 17 އިން 18 އަށް އިންޑިއާގެ ކުރީގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވަން ނިންމެވި ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

މ. ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް އިންޑިއާއިން ހިލޭ އެހީ ދީފައިވާއިރު، މާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި ބޮކިތައް ލެޑު ލައިޓުތަކަށް ބަދަލުކުރަން ވަނީ ފަށާފައެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި އިންޑިއާގެ އެނަރޖީ އެފިޝިއަންސީ ސަރވިސްއާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ދަށުން މާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި 2500 މަގު ބައްތި ތިމާވެއްޓާއި ރައްޓެހި ލެޑު ލައިޓަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދެލައްކަ އެނަރޖީ ސޭވިންގ ބޮކި ގޭބިސީތަކަށް ބެހުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ ދަށުން ކަރަންޓު އެތައް ގުނައަކުން ސަލާމަތް ކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މީގެ ސަބަބުން ގަޑިއަކު 67 މިލިއަން ކިލޯވޮޓުގެ ހަކަތަ ސަލާމަތްކުރެވޭނެކަމަށް އެމިނިސްޓްރީން ލަފާކުރެއެވެ. އަދި ޖައްވަށް ބޭރުކުރެވޭ ވިހަ ގޭސްތައް އަހަރަކު 50 ޓަނަށްވުރެ ބޮޑުޢަދަދަކުން މަދުކުރެވޭނެކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވެއެވެ.