ޓެކްސް ނިޒާމުގެ ތެރެއިން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ދިނުމާގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ، ޔޫ.އެން.ޑީ.ޕީއިން އިންތިޒާމްކޮށްގެން ބާއްވާ "ނެޝަނަލް ޑައިލޮގް"ގެ 3 ވަނަ ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. މިފަހަރުގެ ޑައިލޮގް އަމާޒުކޮށްފައިވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ޒުވާން ވިޔަފާރިވެރިން އުފެއްދުމާގުޅޭ ގޮތުންނެވެ.
ޔޫ.އެން.ޑީ.ޕީއިން އިންތިޒާމްކޮށްގެން ބާއްވާ "ނެޝަނަލް ޑައިލޮގް"ގެ 3 ވަނަ ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިޤްތިޞާދީ ސިޔާސަތު އެންމެ ބޮޑަށް ބައްޓަންވެފައިވަނީ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ވަރުގަދަކޮށް، ޒުވާނުންނާއި އަންހެނުން މި ދާއިރާއަށް ނެރުމަށްކަމަށެވެ. އެކަން ކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް، ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއެކު މިއީ ސަރުކާރުން ހެޔޮ ނިޔަތަގެއްގައި ކުރާ މަސައްކަތެއްކަން ރައްޔިތުންނަށް ދައްކުވައިދެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކާ، މިހާރުވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ޓެކްސް ނިޒާމުގެ ތެރެއިން އަލަށް ފަށާ ވިޔަފާރިތަކާއި، އެސް.އެމް.އީތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ފިނޭންސް މިނިސްޓްރީއާއި، މީރާއާއެކު މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެސް.އެމް.އީއަށް ފަސޭހަ މާހައުލެއް ޤާއިމުކުރުމަށް ރަގަޅު އިނީޝިއޭޓިވްތަކެއް އެބަކުރިއަށްދޭ. އޭގެ ތެރޭގައި މިހާރު މީރާއާއެކު ވާހަކަދައްކަމުން މިދަނީ ޓެކްސްގެ ނިޒާމުގައި ހުރި ވަރަށް ގިނަ ދަތިތަކެއް އެސް.އެމް.އީތަކަށް ލުއިކޮށްދިނުމަށް. ހަމައެއާއެކު އަޅުގަނޑުމެންނާއި، ފިނޭންސް މިނިސްޓްރީއާއި، ރައީސް އޮފީހާއި މީރާއާއެކު އިތުރު ޑައިލޮގެއް ކުރިއަށްއެބަގެންދަން ޓެކްސްގެ ލުއިކަމެއް އެސް.އެމް.އީތަކަށް ދެވޭނީ ކިހިނެއްތޯކަމާމެދު. އޭގެ ތެރޭގައި ޖީ.އެސް.ޓީ ތްރެސްހޯލްޑް އިތުރުކުރުމާއި، ކޮންކަހަލަ ޓެކްސް ބްރޭކްސްތަކެއްތޯ ސްޓާޓް-އަޕްސްތަކާއި އެސް.އެމް.އީތަކަށް ދެވޭނީ" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތެކޭ އެއްފަދައިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢާތަކީވެސް އެކަށީގެންވާ އިންވެސްޓްމަންޓްތަކަކާއެކު ވަޒީފާގެ ފުރުޞަތުތަކާއި ރަނގަޅު އާމްދަނީއެއް ލިބޭ 2 ސިނާޢަތަށް ހެދިދާނެކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށް ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މަސްވެރިކަމާއި އެކުއެކަލްޗަރގެ ދާއިރާއަށް މިހާރަށްވުރެ ބޮޑަށް ޒުވާނުން ޝަޢުގުވެރިކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
"މަސްވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގެ އިޤްތިޞާދާއި ދިވެހިންގެ އާއްމު ދިރިއުޅުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ސިނާޢަތެއް. ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަމާއެކު މަސްވެރިކަމާއި އެކުއެކަލްޗަރގެ ސިނާޢަތަކީވެސް އެކަށީގެންވާވަރަށް އިންވެސްޓްކުރެވިއްޖަނަމަ ފައިދާ ލިބޭ، ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވާނެ ދާއިރާތަކަކަށް ހެދިދާނެ. އެފަދަ މަސައްކަތްތަކަށް ޒުވާނުން އެބަޖެހޭ ނެރެން" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
ޔޫ.އެން.ޑީ.ޕީއިން އިންތިޒާމްކޮށްގެން ބާއްވާ "ނެޝެނަލް ޑައިލޮގް"ގެ 3 ވަނަ ބައްދަލުވުން ޚާއްޞަކޮށްފައިވަނީ ޒުވާން ވިޔަފާރިވެރިން އުފެއްދުމާއި ގުޅޭގޮތުންނެވެ. އެގޮތުން ކުދިވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ރާއްޖޭގައި ހުރި ފުރުޞަތުތަކަކީ ކޮބައިކަމާއި، އެ ދާއިރާއިން ކުރިއަށްދިއުމަށް ޒުވާނުންނަށް ހުރި ގޮންޖެހުންތަކާގުޅޭގޮތުން ދާއިރާގެ ތަޖުރިބާކާރުންގެ ޚިޔާލާއި މަޝްވަރާހޯދުން ކުރިއަށްގެންގޮސްފައިވެއެވެ.