ޚަބަރު

އުއްތަމަ ފަނޑިޔާރާއި ފަޑިޔާރު އާދަމް މުޙައްމަދު ސަސްޕެންޑްކޮށް، މަޤާމުން ވަކިކުރަން މަޖިލީހަށް ފޮނުވައިފި


އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲދީދީ ފަޑިޔާރުކަމުގެ މަޤާމުން 60 ދުވަހަށް ސަސްޕެންޑްކުރުމަށްފަހު، މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲއާ ބެހޭގޮތުން ޖޭއެސްސީން ތަޙްޤީޤުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާފަދަ ޢަމަލުތަކެއް މިދެފަނޑިޔާރުން ކުރައްވައިފިކަމަށް ތަޙްޤީޤު ކޮމެޓީއަށް ހާމަވެފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

މިދެފަނޑިޔާރުންގެ މައްޗަށް ތަޙްޤީޤު ކޮމެޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާ ފަދަ ޢަމަލުތަކެއްކަމަށް ވުމުން، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގެ ދަށުން، ދެފަނޑިޔާރުކަމުން މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، މިއަދު ބޭއްވި ޖޭއެސްސީގެ 80ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

މިދެފަނޑިޔާރުންނާ ބެހޭގޮތުން ޖޭއެސްސީން ތަޙްޤީޤުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، މިބޭފުޅުން ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭކަމަށް ފެންނާތީ، މިދެފަނޑިޔާރުން 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ކޮމިޝަނުނ ވަނީ ނިންމާފައެވެ.

ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ބަލަމުން އަންނަކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިންވަނީ އިއްޔެ ހާމަކުރައްވާފައެވެ.

ޖޭއެސްސީން ވިދާޅުވީ ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރުން ހިމެނޭ 51 މައްސަލައެއް ބަލަމުން އަންކަމަށާއި، އެއީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީގެ 18 މައްސަލައަކާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ 14 މައްސަލައެއްކަމަށެވެ.