ޚަބަރު

ވަޢުދުތައް ފުއްދުމަށް، ހުށައެޅިގޮތަށް ބަޖެޓް ފާސްކޮށްދެއްވާ - މިނިސްޓަރ އަމީރު


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެއްވެސް ތަފާތުކުރުމެއްނެތި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގާގޮތަށް އެކުލަވާލާފައިވާ ބެޖެތެއްކަމަށާ، އެހެންކަމުން ސަރުކާރުން ހުށައެޅިގޮތަށް ބަޖެޓް ފާސްކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އެދިވަޑައިގެންފިއެވެ.

މިނިސްޓަރ މިކަމަށް އެދިވަޑައިގެންފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ފެށުމުގެ ކުރިން މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް ކުރިއަރަމުން އަންނަކަމަށާއި، އެހެން ސިނާޢަތްތައްވެސް މިހާރު ކުރިއަރަން ފަށާފައިވާކަމަށެވެ. އެހެންކަމުން އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު %7.5 ކުރިއަރާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނައަހަރުގެ ބަޖެޓުގައި ހިމަނާފައިވާނީ ސަރުކާރުގެ ސިޔާސަތުތައްކަމަށާ، އެއީ ރައްޔިތުންނަށް މިސަރުކާރުން ވީ ވަޢުދު ފުއްދުމަށް އެކަށައަޅާފައިވާ ބަޖެޓެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަންނަ އަހަރު ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި މަޝްރޫޢުތައް ފެށިގެންދާނެކަމަށާ، ޚާއްޞަކޮށް ރާއްޖޭގެ ސިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށެވެ. އެއީ ސަރުކާރުން ކަނޑައަޅާ ފަސް އާބަން ސަރަހައްދުގައި ތަރައްޤީކުރާ ފަސް ޓާޝަރީ ހޮސްޕިޓަލާއެކުކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ސިއްޙީ ދާއިރާއަށް ސަރުކާރުން ވަނީ 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

"އަޅުގަނޑުމެން ބަޖެޓް ފޯމިއުލޭޓްކޮށްފައިވާނީ އަޅުގަނޑުމެންގެ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގައިވާ ވަޢުދުތަކަށް. ނޫ އިޤްތިޞާދު އޯގާތެރި ސަރުކާރު، ފަޚްރުވެރި އާއިލާ، މިސިޔާސަތުތަކަށް ބިނާކޮށް. އަޅުގަނޑުމެންގެ ޕީއެސްއައިޕީ ޕްރޮގްރާމްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރިހާ ހިސާބެއްގައި އަންނަ އަހަރު ފެށިގެން ކުރިއަށްދާނެ. އެގޮތަށް ބަލާފަ ބަޖެޓް ހުށައަޅާފައިވާނެ. އަޅުގަނޑު އެދޭއެދުމަކީ މި ހުށައަޅާފައިވާގޮތަށް ތި ޢިއްޒަތެރި މެންބަރުން އިއްޒަތްތެރި މަޖިލީހުން މިބަޖެޓް ފާސްކޮށްދިނުން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ތަޢުލީމީ ދާއިރާއަށްވެސް ބޮޑު އިސްކަމެއްދީފައިވާކަމަށާއި، އެ ދާއިރާއަށް ކަނޑައެޅި 4.42 ބިލިއަން ރުފިޔާގެ ބަޖެޓްގައި ހިލޭ ޑިގްރީއާއި ކިޔަވަން ބޭނުންވާ ކުދިންނަށް ބޭނުންވާ ލޯނާއި ނާސްތާ ޕްރޮގްރާމް ހިމަނާފައިވާނެކަމަށެވެ.

ބޯހިޔާވަހިކަމަށް އިޝާރާތްކުރައްވާ ފިނޭންސް މިނިސްޓަރ ވިދާޅުވީ، 20000 ސޯޝަލް ހައުސިންގ މަޝްރޫޢަށް ކަނޑައަޅާފައިވާ 600 މިލިއަން ރުފިޔާގެ މަޝްރޫޢުވެސް އަންނަ އަހަރު ފަށާނެކަމަށެވެ. މީގެ އިތުރުން 359 މިލިއަން ރުފިޔާއަކީ ރާއްޖޭގެ އެކި ސަރަހައްދުގައި ސޯޝަލް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ކަނޑައަޅާފައިވާ ޢަދަދުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަމީރު ވަނީ އަންނަ އަހަރު ތަކެތީގެ އަގު ހެޔޮކުރުމަށް ސަބްސިޑީގެ ގޮތުގައި 445 މިލިއަން ރުފިޔާ ހިމަނާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

ބަޖެޓް ދިރާސާކުރުން މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ކުރިއަށްދާއިރު މިމަހުގެ 20ވަނަ ދުވަހު ބަޖެޓު ދިރާސާކޮށް ނިންމައި ތަޅުމަށް ފޮނިވުމަށް ވަނީ ނިންމާފައެވެ.