ވިޔަފާރި

މިއަހަރު ސަރުކާރު ކުންފުނިތަކަށް ދޫކުރި ލޯނު 462.2 މިލިއަން ރުފިޔާ އަރާނެ


މިއަހަރުތެރޭގައި ސަރުކާރު ކުންފުނިތަކަށް ލޯނުގެ ގޮތުގައި ދިން ފައިސާގެ އަދަދު 462.2 މިލިއަން ރުފިޔާއަށް އިތުރުވެގެންދާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިއަހަރުގެ ތެރޭ ކުންފުނިތަކަށް ލޯނު ދޫކުރުމަށް ސަރުކާރުން ފާސްކޮށްފައިވަނީ 90 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރަށް ކެޕިޓަލް ޚަރަދަށް ފާސްކޮށްފައިވާ އަދަދުގެ 7 އިންސައްތައެވެ. އެހެންނަމަވެސް، ސަރުކާރުން އަންދާޒާކުރި މިންވަރަށް ވުރެ ގިނައިން ކުންފުނިތަކަށް ލޯނު ދޫކުރަންޖެހުމާ ގުޅިގެން މި އަދަދު މިއަހަރު ނިމޭއިރު 462.2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވެއެވެ.

ބަޖެޓުގައި ހާމަކޮށްފައިވާ ގޮތުން މިއަހަރުތެރޭ ދޫކޮށްފައިވާ ލޯންތަކުގެ ޚަރަދު އިތުރުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ކޭޝްފްލޯ ހަމަޖެއްސުމަށާއި ސިފްކޯ އަދި ޕޮލްކޯ އިމާރާތްކުރަމުންދާ ހައުސިންގ މަޝްރޫއަށާއި އަދި ދައުލަތުން ދީފައިވާ ސޮވްރިން ގެރެންޓީތަކާ ގުޅިގެނެވެ.

2020 ވަނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓުގައި ލޯނު ދޫކުރުމަށް ހިމަނާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 50 މިލިއަން ރުފިޔާއެވެ.

ބަޖެޓުގައި ވާގޮތުން 2019 ވަނަ އަހަރުގެ ނިޔަލަށް ލޯނުދޫކުރުމަށް ކުރާ ޚަރަދު 462.2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވުނު ނަމަވެސް 2020 ވަނަ އަހަރު ދައުލަތުގެ ކުންފުނިތަކަށް ލޯނު ދޫކުރުމަށް ހިމަނާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ކުންފުނިތަކަށް އެހީތެރިވުމަށް ހަމަޖެހިފައިވަނީ ކެޕިޓަލް ދޫކުރުމުގެ ތެރެއިންކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ސަރުކާރުން މިއަހަރުގެ ތެރޭ ވަނީ އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަންގެ ނަމުގައި ބޭންކެއް ތަޢާރަފްކޮށްފައެވެ. މިއަހަރުގެ މިހާތަނަށް އެ ބޭންކުން އެކި ފަރަތްތަކަށް 120 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.