އުއްތަމަފަޑިޔާރު ޑރ.ޢަބްދުﷲ ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ތަޙްޤީޤްކޮށް އެކުލަވާލި ރިޕޯޓް ބަލައިނުގަތުމަށް އެމަނިކުފާނު ނިންމެވިނަމަވެސް އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެކަމަށް ޖޭއެސްސީން ވިދާޅުވެއްޖެއެވެ.
އުއްތަމަފަޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީގެ މައްޗަށް ޖޭއެސްސީން ތަޙްޤީޤް ކުރަމުންދިޔަ ސުލޫކީ މައްސަލައިގެ ތަޙްޤީޤް ރިޕޯޓް އުއްތަމަފަޑިޔާރާއި ހަވާލުކުރެއްވުމަށް ސްޕްރީމްކޯޓަށް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް މި ރިޕޯޓް ބަލައި ނުގަންނަކަމަށް ވިދާޅުވެ އުއްތަމަފަޑިޔާރުވަނީ ރިޕޯޓް ޖޭއެސްސީއަށް އަނބުރާ ފޮނުއްވާލައްވާފައެވެ.
މިކަމާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ އުއްތަމަފަޑިޔާރު ރިޕޯޓް ޤަބޫލުނުކުރެއްވިކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް ރިޕޯޓް އަނބުރާ ޖޭއެސްސީއަށް ފޮނުއްވިކަމުގެ މަޢުލޫމާތު އަދި ލިބިފައިނުވާކަމަށެވެ. އޭނާވިދާޅުވީ ދައުލަތުގެ މުވައްސަސާތަކުން ތައްޔާރުކުރެވޭ ލިޔެކިޔުންތައް ބަލައިނުގަތުމަކީ މައްސަލައެއްކަމަށެވެ. އަދި މިއީ މިގޮތަށް އެކޮމިޝަނުން އެކުލަވާލައި ފޮނުވި ރިޕޯޓެއް ބަލައިނުގަތް ފުރަތަމަ ފަހަރުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖޭއެސްސީގެ ޤަވާއިދުތަކާއި އުސޫލުތައް ހަމަޖެހިފައިވާ ގޮތުގެ މަތީން އުއްތަމަ ފަޑިޔާރަށް ލިޔުންމުންވެސް އަދި މެއިލްގެ ޒަރީއާއިވެސް ރިޕޯޓް ފޮނުވާފައިވާކަމަށް މަސްތޫރު ވިދާޅުވިއެވެ. ޖޭއެސްސީން މިމައްސަލާގައިވެސް އަމަލުކުރަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާ އުސޫލުންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އުއްތަމަ ފަޑިޔާރަށްވެސް ރިޕޯޓަށް ޖަވާބުދާރީވުމަށް 7 ދުވަހުގެ މުހުލަތެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި 7 ދުވަހުގެ ތެރޭގައި އުއްތަމަ ފަޑިޔާރު ޖޭއެސްސީއަށް ޖަވާބުދާރީ ނުވެއްޖެނަމަ އޮންނަ އުސޫލުތަކުގެ ތެރެއިން ޖޭއެސްސީން ކުރަންޖެހޭ ކަމެއް ކުރާނެކަމަށްވެސް ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވާ ސުލޫކީ މައްސަލަޔަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނަރަލް ބަޣާވާތެއްކުރައްވަން އުޅުއްވާކަމަށް ތުހުމަތުކުރައްވައި، އެޑިޕާޓްމަންޓާ އެއްވެސް މުޢާމަލާތެއް ކުރައްވަފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު އުއްތަމަފަނޑިޔާރު އެނާއަށް ދެއްވާފައިވާ މައްސަލައެވެ.