އުއްތަމަފަޑިޔާރު ޢަބްދުﷲ ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ތަޙްޤީޤް ކުރަމުންދިޔަ ސުލޫކީ މައްސަލައިގެ ތަޙްޤީޤް ރިޕޯޓް އުއްތަމަފަޑިޔާރާ ޙަވާލުކުރެއްވުމަށް ސްޕްރީމްކޯޓަށް ފޮނުވައިފިއެވެ.
އުއްތަމަފަޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީގެ މައްޗަށް ޖޭއެސްސީން ތަޙްޤީޤް ކުރަމުންދިޔަ ސުލޫކީ މައްސަލައިގެ ތަޙްޤީޤް ރިޕޯޓް އުއްތަމަފަޑިޔާރާއި ހަވާލުކުރެއްވުމަށް ސްޕްރީމްކޯޓަށް ފޮނުވާފައިވަނީ މިއަދުއެވެ. މިމައްސަލާގައި ޖޭއެސްސީގެ ރިޕޯޓާއިމެދު އުއްތަމަ ފަޑިޔާރު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާނަމަ ކަނޑައެޅިފައިވާ މުއްދަތުގައި ފަޑިޔާރުންގެ އިސްތިއުނާފް ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިމުއްދަތުގައި އުއްތަމަ ފަޑިޔާރު އިސްތިއުނާފް ނުކުރައްވައިފިނަމަ ޖޭއެސްސީން މި ރިޕޯޓާއިމެދު ގޮތެއްނިންމާނެއެވެ.
އުއްތަމަ ފަނޑިޔާރާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވާ ސުލޫކީ މައްސަލަޔަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނަރަލް ބަޣާވާތެއްކުރައްވަން އުޅުއްވާކަމަށް އުއްތަމަ ފަނޑިޔާރު ތުހުމަތުކުރައްވައި، އެޑިޕާޓްމަންޓާ އެއްވެސް މުޢާމަލާތެއް ކުރައްވަފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު އުއްތަމަފަނޑިޔާރު އެނާއަށް ދެއްވާފައިވާ މައްސަލައެވެ.
ޖޭއެސްސީން މިފަދަ މައްސަލަތައް ބައްލަވަމުންދާ ދިއުމާއި ގުޅިގެން އުއްތަމަ ފަޑިޔާރު ވަނީ ޖޭއެސްސީއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ބަޔާނެއްވެސް ނެރުއްވާފައެވެ. އެބަޔާނުގައި ވިދާޅުވެފައިވަނީ ކޯޓުގެ ދުސްތޫރީ އަދި ޤާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅައި، ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރު ޕެރަލައިޒް ކުރުމަށް ޖޭއެސްސީން މަސައްކަތް ކުރަމުންދާކަމަށެވެ.
އެ ބަޔާނުގައި ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމަކީ އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުންގެ އެއްވެސް ބާރެއް ނުހިނގާ ނިޒާމަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރާކަމަށް ވިދާޅުވެ ވަރަށް ބޮޑަށް އުއްތަމަފަޑިޔާރު ނުރުހުން ފާޅުކުރައްވާފައިވެއެވެ.