އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން، އައޯރާގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވުމާއިއެކު ރާއްޖެއިން މިސަރަހައްދުގައި އަދާކުރާ ދައުރު، އިތުރުވެ ހަރުދަނާ ވެގެންދާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ޔޫއޭއީއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުންނެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ، މިއެސޯސޮއޭޝަން އުފެއްދުމުގައި ރާއްޖެއިން އަދާކުރައްވާފައިވާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ފަތުޙުﷲ ޖަމީލްގެ ދައުރުގައި އައޯރާ އުފެއްދުމުގައި ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
ފޮރިން މިނިސްޓަރގެ ދަތުރުފުޅުގައި މާދަމާ އައޯރާގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން އަލިއަޅުވާލާނީ ސަރަަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޑިއާކަނޑަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަށް ކުޑަކުރުމަށް ވަކާލާތުކުރުމަށްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. ރާއްޖެއަކީ މިދާއިރާތަކުން ލީޑަރޝިޕް ރޯލު މިހާރުވެސް އަދާކުރާ ޤައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ، އައޯރާގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވުމާއެކު ރާއްޖެއިން މިސަރަހައްދުގައި އަދާކުރާ ދައުރު އިތުރުވެ ހަރުދަނާ ވެގެންދާނެކަމަށެވެ.
"ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ފަތުޙުﷲ ޖަމީލްގެ ދައުރުގައި އައޯރާ އުފެއްދުމުގައި ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވޭ. އެހެންނަމަވެސް އެކި ސަބަބުތަކާއި ހެދި އައޯރާގައި މިހާތަަނަށް އައިރުވެސް ރާއްޖެއިން ބައިވެރިވެވިފައެއް ނުވޭ. މި ބައްދަލުވުމުގައި ރާއްޖެއިން އަލިއަޅުވާލާނީ ސަރަަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޑިއާކަނޑަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަށް ކުޑަކުރުމަށް ވަކާލާތުކުރުމަށް." މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
އައޯރާގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވުމަކީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ބަލައިގަތްކަން ހާމަކޮށްދޭކަމެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ. އައޯރާގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވެ ޑިކްލެރޭޝަންގައި މާދަމާ ސޮއިކުރާނެއެވެ. މިޑިކްލަރޭޝަންގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.
މި ބައްދަލުވުމުގެ ކުރިން މިއަދު އަޔޯރާގެ މެމްބަރު ޤައުމުތަކުގެ އިސް އޮފިޝަލުންގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެވަޑައިގެންނެވީ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ޑރ.ހުސައިން ނިޔާޒެވެ.
އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން "އަޔޯރާ"އަކީ އިންޑިއާ ކަނޑާ ގުޅިފައިވާ ޤައުމުތަކުގެ ޖަމްޢިއްޔާއެކެވެ. މި ޖަމިއްޔާ އުފެދިފައިވަނީ 1997ވަނަ އަހަރުގެ މާޗްމަހުގައެވެ. މި ޖަމިއްޔާ އުފެއްދުމުގެ ޚިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ ދެކުނު އެފްރިކާގެ އޭރުގެ ރައީސް ނެލްސަން މަންޑޭލާ 1995ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.