ވިޔަފާރި

"އެސްއެމްއީ ބޭންކަކީ އަހަރަކު 400 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމުގެ ޤާބިލް ބޭންކަކަށް ވާނެ"


ސަރުކާރުގެ އަމާޒަކީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަންއަކީ އަހަރަކު 400 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމުގެ ޤާބިލްކަންހުރި ކުންފުންޏަކަށް ހެދުންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަނަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ. އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، އިޤްތިސާދު ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޕްރައިވެޓް ސެކްޓަރ ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްކަމަށެވެ.

ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކުން ވިޔަފާރީގެ މައިދާނަށް ވަދެ ފައިހަމަކުރުމަށް އެހީވެދިނުމަށް، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން މެދުވެރިކޮށް 2020ވަނަ އަހަރު 400 މިލިއަން ރުފިޔާގެ ލޯނު ދޫކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް 3 އަހަރު ކެޕިޓަލް ދޫކޮށް، ސަރުކާރަށް ބަރޯސާނުވެ ލޯނު ދޫކުރަން ބޭނުންވާ މިންވަރުގެ ފަންޑެއް އެ ކުންފުނީގައި ޤާއިމުކުރުމެވެ. މަދުވެގެން އަހަރަކު 400 މިލިއަން ރުފިޔާގެ ލޯނު ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރެވޭނެ ޤާބިލުކަންހުރި ފުދުންތެރި ކުންފުންޏަކަށް، އެކުންފުނި ހެދުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަނަށް ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ 2020 ވަނަ އަހަރު ދޫކުރާނެ. ސަރުކާރުގެ އަމާޒަކީ މި 3 އަހަރު ކެޕިޓަލް ދޫކޮށް، ސަރުކާރަށް ބަރޯސާނުވެ ލޯނު ދޫކުރަން ބޭނުންވާ މިންވަރުގެ ފަންޑެއް އެ ކުންފުނީގައި ގާއިމުކުރުން. އެއާއެކު، މަދުވެގެން އަހަރަކު 400 މިލިއަން ރުފިޔާގެ ލޯނު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރެވޭނެ ގާބިލުކަން ހުރި ފުދުންތެރި ކުންފުންޏަކަށް، އެ ކުންފުނި ހެދުން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިއަދާ ހަމައަށް އެސްއެމްއީ ބޭންކު މެދުވެރިކޮށް 120 މިލިއަން ރުފިޔާގެ ލޯނުވަނީ ދޫކޮށްފައެވެ. އަދި އެބޭންކަށް މިހާތަނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު އެޕްލިކޭޝަން ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އެސްއެމްއީ ބެންކު މެދުވެރިކޮށް ހަތަރު ދާއިރާއަކުން އަންނަނީ ލޯނު ދޫކުރަމުންނެވެ. އެއީ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ދޫކުރާ "ރަށު ފަތުރު ލޯން ސްކީމް" އާއި، ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރާ "ވިޔަފާރިއެހީ ލޯން ސްކީމް"އެވެ. އަދި ވިޔަފާރިތަށް ފުޅާކުރުމަށް ބޭނުންވާ މުދާ ގަތުމަށް ދޫކުރާ "ހަރު މުދާ ލޯން ސްކީމް" އާއި ދަނޑުވެރިކަން ކުރިއެރުވުމަށް "ދަނޑުވެރި ނަފާ"ގެ ނަމުގައި ދޫކުރާ ލޯން ސްކީމެވެ.