ވިޔަފާރި

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްއެމްޕީއާރުސީއަށް ގެއްލުން


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ގެއްލުމާއި ކުރިމަތިލާންޖެހިއްޖެއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރގައި ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތް ގޮސްފައިވާގޮތުގެ މާލީ ރިޕޯޓުގައިވާގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއެމްޕީއާރުސީއަށް ލިބުނީ 57.86 މިލިއަން ރުފިޔާއެވެ. އަދި ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 39.8 މިލިއަން ރުފިޔާއެވެ. މިއީ 18 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ހިންގުމުގެ ޚަރަދުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަރަދުކޮށްފައިވަނީ 20 މިލިއަން ރުފިޔާއެވެ. އަދި 2 ވަނަ ކުއާޓަރުގައި މިއަދަދު އުޅެނީ 17.3 މިލިއަނުގައެވެ. 2 ވަނަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު އާމްދަނީވެސް ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު ވަނީ 14 މިލިއަން ދަށްވެފައެވެ.

މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އިތުރު ޚަރަދެއްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ހޭދަކޮށްފައިވަނީ ރޯޑްޝޯތަކުގައި ބައިވެރިވުމަށެވެ. ރޯޑްޝޯތަކުގައި ބައިވެރިވުމަށް 1.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ފޭމް ޓްރިޕްތަކަށް 3 ލައްކަ ހަރަދުކޮށްފައިވާއިރު، އިޝްތިހާރުކުރުމަށް 1.5 މިލިއަން އަދި ޕްރޮމޯޝަން ހަރަކާތްތަކަށް 2.5 މިލިއަން ވަނީ ޚަރަދުކޮށްފައެވެ.

މިއަހަރުގެ 2 ވަނަ ކުއާޓަރުގައި މުވައްޒަފުންގެ މުސާރައަށް ހޭދަކުރި މިންވަރުވެސް ވަނީ 18 އިންސައްތަ އިތުރުވެފައެވެ.

އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެވެ. 2 ވަނަ ކުއާޓަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ 21 ހަރަކާތެއް ހިންގާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.