މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށް އެއަރ އިޓަލީން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
އިޓަލީގެ ދެވަނައަށް އެންމެ ބޮޑު އެއަރލައިން، އެއަރ އިޓަލީން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، އެ އެއަރލައިންގެ ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުއެވެ.
މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ އެއަރބަސް މަރުކައިގެ މަތިންދާބޯޓެކެވެ. މި ބޯޓު ރާއްޖެއަށް އައިސްފައިވަނީ މިލާނުގެ މަލްޕެންސާ އެއަރޕޯޓުންނެވެ. މި ބޯޓުން އިޓަލީގެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
އެއަރ އިޓަލީން ރާއްޖެއަށް ދަތުރުތައް ފެށުން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞޯލިޙުއާއި އިޓަލީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޮންސުލޭޓް އޭޖެންޓް ޖިއޯޖީނާ މަރާޒީގެ އިތުރުން އިމިގްރޭޝަންގެ އިސް އޮފިސަރުންނާއި ކަސްޓަމްސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިހް ވިދާޅުވީ އެއަރ އިޓަލީގެ ދަތުރުތަކާއެކު އިޓަލީގެ ތިން އެއަރލައިންއަކުން މިހާރު ރައްޖެއަށް ދަތުރުތައް ކުރާނެކަމަށެވެ. އެހެންކަމުން އިޓަލީން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެންދާނެކަމަށްވެސް މޫސާ ޞާލިޙް ވިދާޅުވިއެވެ.
އިޓަލީގެ ކޮންސުލޭޓް އޭޖެންޓް ޖޯރޖީނާ މަރާޒީ ވިދާޅުވީ މިއީ ރާއްޖެއާއި އިޓަލީއާއި ދެ ޤައުމުގެ ދެމެދުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިޓަލީން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުވެ ރާއްޖެއަށް އެކި ގޮތްގޮތުން ކުރިއެރުން ލިބުމަކީ އުއްމީދެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެއަރ އިޓަލީން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިލާނުގެ މަލްޕެންސާ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަފްތާއަކު ތިން ދަތުރެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެއަރ އިޓަލީން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވެއެވެ.
ރާއްޖޭގެ އިތުރުން މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް އެއަރ އިޓަލީން ވަނީ އިތުރު މަންޒިލްތަކަށްވެސް ދަތުރުތައް ކުރުމަށް ނިންމާފައެވެ.
އެއަރ އިޓަލީން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު އިޓަލީގެ ޤައުމީ އެއަރލައން އަލިޓާލިއަރ އަދި ޗާޓަރ އެއަރލައިންއެއްކަމަށްވާ 'ނިއޮސް" އިން ދަނީ ރާއްޖެއާއި އިޓަލީއާއި ދޭތެރޭ ސިދާ ފްލައިޓްތައް ބާއްވަމުންނެެވެ.
އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ޒަމާންވީ މާކެޓެވެ. އަދި އިޓަލީއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މިއަހަރުގެ މިހާތަނަށް ވެސް އިޓަލީން ރާއްޖެއަށް 97 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.