ޤައުމިއްޔަތު ދެމިއޮތުމަށް ޚާރިޖީ އިސްތިޤްލާލާއި ދާހިލީ އިސްތިޤްރާރު ޤާއިމުވެފައިއޮންނަންޖެހޭކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަނެގުމުގެ ޙާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފައިވެއެވެ.
ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތު ފެށުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޖުމްހޫރީ މައިދާނަށް ވަޑައިގަތުމާއެކު ކީރިތި ޤުރުޢާނުގެ ބަރަކާތުންނެވެ. އެއަށްފަހު ޖުމްހޫރީ މައިދާނުގައި ހުރި ކޯއްޓޭއަށް ޤައުމީ ދިދަ ވަނީ ނަގާފައެވެ. ދިދަ ނަގާ ނިމުމުން އެމް.އެން.ޑީ.އެފްގެ ބޭންޑުގައި ޤައުމީ ސަލާމް ކުޅެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވީ، އިންސާނީ ހަޟާރަތްތަކުގައި ޤައުމުތައް ބިނާވެ، ޤައުމުތަކުގެ ރައްޔިތުންގެ މައްޗަށް ޤައުމެއްގެ ޤައުމިއްޔަތު ބިނާވެގެންދާހިދު، ޤައުމަކަށް މުހިއްމު 2 ކަމެއް ބިނާވެގެންދާކަމަށެވެ. އެގޮތުން ޚާރިޖީ އިސްތިޤްލާލާއި، ދާހިލީ އިސްތިޤްރާރަކީ ޤައުމިއްޔަތު ބިނާކުރުމުގައި މުހިއްމު 2 އަސާސްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޢިމްރާން ވިދާޅުވީ، ޚާރިޖީގޮތުން ބަޔަކަށް ލިބިގެންވާ މިނިވަންކަމާއި އެ ބައެއްގެ ސަލާމަތާއި ރާއްކާތެރިކަމާއެކުގައި، ޤައުމުގެ ތެރޭގައި ދާހިލިއްޔަތުގައި އޮންނަންޖެހޭ އިސްތިޤްރާރާއި ހަމަޖެހުމާއި، އަމާންކަން ޤާއިމުވެފައި އޮތުމަކީ އެ ޤައުމެއްގެ ރައްޔިތުންގެ މައްޗަށް ލާޒިމްކުރާކަމެއްކަމަށެވެ.
"ﷲ ގެ ރަޙުމަތުން އަޅުގަނޑުމެންނަށްވަނީ ޚާރިޖީ އިސްތިޤްލާލާއި މިނިވަންކަން ލިބިފައި. އެ މިނިވަންކަން ދެމިއޮތުމުގައި ދާހިލީ އިސްތިޤްރާރު، ދާހިލީ ހަމަޖެހުމާއި އަމާންކަމާއި ސަލާމަތާއި ރައްކާތެރިކަމަކީ އޭގެ ޒިންމާ. އެހެންކަމުން ރާއްޖޭގެ ޤައުމިއްޔަތު ދެމިއޮވެ، ސަލާމަތުގެ އައްސޭރިއަށް ދަތުރުކުރުމަށްޓަކާ އަންނަންއޮތް ޖީލުތަކަށް މި ޤައުމު ގެންދިއުމަށްޓަކާ ރާއްޖޭގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަކީ އަޅުގަނޑުމެން އެންމެންގެ މައްސޫލިއްޔަތަކާއި ޒިންމާއެއް" މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ދުޢާއެއްވެސް ކޮށްފައިވެއެވެ. އިސްވެ މި ދުޢާކޮށްދެއްވީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޘަމްގެ އިމާމު އައްޝައިޚް ނަޞްރުﷲ ޢަލީއެވެ.
ރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ މީލާދީން 4 ފެބްރުއަރީ 1946 އެވެ. ޤައުމީ ދުވަސް ނިސްބަތްވެ ވަޑައިގަންނަވަނީ، އުތީމު ބޮޑުތަކުރުފާނު، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ.
ޤައުމީ ދުވަހުގެ ގޮތުގައި 1946 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ފަހަގަކުރަމުން އަންނަނީ ޕޯޗުގީޒުންގެ 15 ވަރަކަށް އަހަރުވީ އަނިޔާވެރި ވެރިކަމުން އުތީމު މުޙައްމަދުތަކުރުފާނު ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޙާދިސާގެ ހަނދާން އާކުރުމުގެ ގޮތުންނެވެ. އަދި ޤައުމީ ބަޠަލުން އިސްލާމް ދީނާއި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ޖިހާދުކުރެއްވި މުޖާހިދުންގެ ހަދާން އާކޮށް، އެފަދަ މުޖާހިދުން ހުރިހާ ޖީލެއްގައިވެސް ތިބުމަށް ހިއްވަރުދިނުމާއި ހިއްވަރު ލިބިގަތުމެވެ.