ޚަބަރު

މޯލްޑިވިއަންއިން ހަނިމާދުއާއި ކޮޗިންއާއި ދޭތޭރޭ ސީދާ ދަތުރުތައް ފަށައިފި


މޯލްޑިވިއަންއިން ހަނިމާދޫއާއި ކޮޗިންއާއި ދޭތޭރޭ ސީދާ ދަތުރުތައް ފަށައިފިއެވެ. މި ދަތުރުތައް ފެށުމުގެ ގޮތުން ހަނިމާދޫއިން ކޮޗިންއަށް ދިއުމަށް ފުރަތަމަ ފްލައިޓް ފުރާފައިވަނީ މިއަދު ހަވީރު 17:45 ގައެވެ.

ކޮޗިންއަށް ފެށި މި ދަތުރުތަކާއެކު ކޮންމެ ހަފްތާއަކު 3 ދުވަހު ހަނިމާދޫއިން ކޮޗިންއަށް ޝެޑިއުލް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަންއިން ބުނެއެވެ. މި ދަތުރުތައް ފެށުމަށްޓަކައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

މިރަސްމިއްޔާތުގައި އައިލެންޑް އޭވިއެޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީއާއި ސިވިލް އޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް ޙުސައިން ޖަމީލާއި ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ބައިވެރިވެވަޑައިގެންފައިވެއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަކުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ މި ދަތުރުތަކާއެކު އިންޑިއާއަށް ބޭސަފަރުވާއަށް ފުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި މި ދަތުރުތަކާއެކު ހދ. އަތޮޅަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެ މިސަރަޙައްދުގެ ފަތުރުވެރިކަން ފުޅާވެގެންދާނެކަމަށްވެސް ރިޒްވީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަލް އެއަރޕޯޓުގެ ޚިދުމަތްތައް ރަނގަޅުކޮށް "އިންޓަރނޭޝަނަލް" ފެންވަރަށް މިއެއަރޕޯޓު ތަރައްޤީކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި މޯލްޑިވިއަންއިން ފެށިދަތުރުތަކާއެކު އެއަރޕޯޓަށް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮޗިންއާއި ހަނިމާދޫއާއި ދޭތެރޭ ސީދާ ދަތުރުތައް ފަށާފައިވާއިރު މިހާރުވެސް ހަނިމާދޫއިން އިންޑިއާގެ ޓްރިވެންޑަރަމަށް ހަފްތާއަކު 2 ފަހަރު ދަތުރުކުރެއެވެ. މޯލްޑިވިއަންއިން ބުނީ ހަނިމާދޫއިން ކޮޗިންއަށް އަދި ކޮޗިންއިން ހަނިމާދުއަށް ދެކޮޅު ޓިކެޓުގެ އަގު އުޅެނީ ގާތްގަނޑަކަށް 190 ޑޮލަރަށެވެ.

ކައިރި މުސްތަޤްބަލެއްގައި ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށްވެސް މޯލްޑިވިއަންއިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިންޑިއާގެ އިތުރު ސިޓީތަކަށާއި ސްރީލަންކާގެ ކޮލަމްބޯއަށްވެސް ދަތުރުފެށުމަށް މޯލްޑިވިއަނުން ދަނީ ތައްޔާރުވަމުންނެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބައިލްއަޤްވާމީ 9 މަންޒިލަކަށް ދަތުރުތައް ކުރަމުންދާއިރު، އިންޑިއާގެ ޗެންނާއީ އާއި ޓްރިވެންޑުރަމަށް މިހާރުވެސް މޯލްޑިވިއަނުން ޝެޑިއުލްދަތުރުތައް ކުރެއެވެ.