ޚަބަރު

ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީއަށް


ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ ބިލް ދިރާސާ ކުރުމަށް މުޅި މަޖިލިސް އެކުލެވޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިބިލް ބަލައިގަތުމަށް މަޖިލީހުގައި ނެގުނު ވޯޓްގައި 82 މެމްބަރުންގެ ވޯޓާއެކު ބިލް ބަލައިގަތުމަށް ވަނީ ފާސްކޮށްފައެވެ. ވޯޓަށްފަހު މަޖިލީހުގެ ރައީސް ވިދާޅުވީ މިބިލަކީ ޤާނޫނު އަސާސީއަށް އިސްލާހު ގެނަމުގެ މަސައްކަތް ކުރެވޭ ބިލަކަށްވުމުން މިބިލުގެ މަސައްކަތް ކުރަންޖެހޭނީ މުޅި މަޖިލިސް އެކުލެވޭ ކޮމިޓީއަކުންކަމަށް ދެކި ވަޑައިގަންނަވާކަމަށެވެ. ޤާނޫނު އަސާސީއަށް އެއްވެސް ހާލަތަކެއްގައި އިސްލާހެއް ގެންނަނަމަ އެކަން ކުރަންޖެހޭނީ ހުރިހާ ރައްޔިތުންގެ ބައިވެރިވުން އެކުލެވޭ ގޮތަށްކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް އިސްލާހުގެނައުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލާވާ ސަބް ކޮމިޓީއަކުންނެވެ. މިބިލް މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ އުތުރުދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމެވެ. ޤާނޫނު އަސާސީގެ 8 ވަނަ ބާބަށް ހުށަހަޅާފައިވާ އިޞްލާޙުގައި ވަނީ ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރުމާއި ކައުންސިލުތަކުގެ ގޮނޑީގެ %33 އަންހެނުންނަށް ޚާއްޞަކުރުމަށެވެ. އަދި ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ ރައީސުން ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާގޮތަށްވެސް ޤާނޫނު އަސާސީއަށް ގެންނަ އިޞްލާހުގައިވެއެވެ.

އަދި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި، އަތޮޅު ކައުންސިލުތަކުގެ މެންބަރުކަމުގައި ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ކަނޑައެޅުމަށްވެސް އިޞްލާޙުގައިވެއެވެ. މިބިލްގެ މަސައްކަތް އަންނަ މަހުގެ 13ވަނަ ދުވަހު ނިންމުމަށް މަޖިލިސް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.