2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ހަމައަށް ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަށް އިންތިޤާލީ އިންސާފުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ބިލް މަޖިލީހަށް ހުށަހަޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދުއެވެ. އޭނާ ވިދާޅުވީ މިބިލު ހުށަހެޅުއްވުމުގެ އެންމެ ބޮޑު ބޭނުމަކީ 2012 އިން 2018 އާއި ހަމައަށް، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ
ފަރާތްތަކަށް އިންޞާފު ހޯދައިދިނުންކަމަށެވެ.
އިންސާފު ޤާއިމްކުރުމަށް އެކުލަވާލާ މިޤާނޫނުގެ ދަށުން ނުހައްގު އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ޤާއިމްކުރުމަށް މައްސަލަތައް ހުށައަޅާ ޙާއްސަ އޮފީހެއް ޤާއިމްކުރަންޖެހޭކަމަށް މި ބިލުގައި ބުނެއެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީސް އެކުލެވިގެންދާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 3 ބޭފުޅުންގެ މައްޗަށެވެ. އަނިޔާލިބިފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުޤީޤުކޮށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވުމުގެ ބާރުވެސް މި އޮފީހަށް ބިލްގައި ދީފައިވެއެވެ. ކުރިން ބަލައި ނިމިފައިވާ މައްސަލަތަކުގެ ތެރެއިން އިންސާފު ނުލިބިވާ މައްސަލައަކާއި ގުޅިގެން އާ ހެއްކެއް ފެނިއްޖެނަމަ އެމައްސަލައެއް އަލުން ބަލާ ތަޚްޤީގު ކުރުމުގެ ބާރުވެސް މި ޤާނޫނުގެ ދަށުން އޮމްބަޑްސްމަން އޮފީހަށް ލިބިގެންދާނެއެވެ.
މިބިލުގެ ދަށުން ބަދަލު ނަގައި ދިނުމުގެ ބާރުވެސް އޮމްބަޑްސްމަން އޮފީހަށް ލިބިގެންދެއެވެ. އެގޮތުން ލިބުނު އަނިޔާއެއްގެ ސަބަބުން މާލީ ބަދަލު ނަގައިދިނުމާއި، މާލީ ނޫންގަތަށް މީހާއަށް އާމާޒުކޮށް ދެވޭ އަނިޔާގެ ބަދަލު ނެގުމުގެ ބާރުވެސް މި އޮފީހަށް ލިބިފައިވއެވެ. މިބިލުގެ ދަށުން އޮމްބަޑްސްމަން އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދައުވާ އުފުލަންޖެހޭ ފަރާތްތަކާއި ދޭތެރޭ ދައުވާ އުފުލުމުގެ ބާރުވެސް ޤާނޫނުން މި އޮފީހަށް ލިބިދޭނެއެވެ.
ރާއްޖޭގައި އަދުލުވެރިކަމާއި އިންސާފުވެރިކަން ޤާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދު ފުޅެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ޙާއްސަކޮށް ނިމިދިޔަ 5 އަހަރުގައި ނުހައްގުން އަނިޔާލިބި އިންސާފު ޤާއިމްވެފައިނުވާ ފަރާތްތަކަށް އިންސާފު ޤާއިމްކޮށްދެއްވާނެކަމަށް ރިޔާސީ އިންތިޙާބްގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.