ޚަބަރު

ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓޭނެ އިންތިޒާމެއް އީސީއަކު ނެތް - ޕީޕީއެމް


ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓޭނެ އިންތިޒާމެއްވެސް އަދި ފިންގަރޕްރިންޓް ބަލާނެ ނިޒާމެއްވެސް އިލެކްޝަންސް ކޮމިޝަނުގައި ނެތްކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

ޕީޕީއެމްއިން ގިނަ ޢަދަދެއްގެ މެމްބަރުން މަދުވަމުންދާ މައްސަލާގައި އިލެކްޝަން ކޮމިޝަނުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބް ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިއާމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި ޕާޓީތަކުގެ މެމްބަރުންގެ ކަންކަން ބެލެހެއްޓޭނެ އިންތިޒާމެއް ނެތްކަމަށެވެ.

ޝިއާމް ވިދާޅުވީ ޕީޕީއެމްއިން ހާހުން ގުނާލެވޭ ވަރަށް މެމްބަރުން މަދުވަމުންދާއިރު މީގެ ތެރެއިން %60 މީހުން ވަކިވެފައިވަނީ އެމެންބަރުންނަށްވެސް ނޭގި އޮޅުވާލުމެއްގެ ތެރެއިންކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމްއިން އެފަރާތްތަކަށް ގުޅައި ބެލި ބެލުމުން އެނގިގެން ގޮސްފައިވަނީ އަލަށް ހަދާ ޕާޓީއެއްގައި ނުވަތަ މެމްބަރުންމަދުކޮށް ހުންނަ ޕާޓީތަކަށް ވައްދާފައިވާކަން ހާމަވެފައިވާކަމަށެވެ.

މިމައްސަލާގައި އިލެކްޝަންސް ކޮމިޝަނުގެ ވެރިންނާ ބައްދަލުކޮށް ދެކެވުނު ވާހަކަތަކުން އެފަރާތަކަށް މިކަމުގައި ކުރެވޭނެ ކަމެއްނެތްކަން ހާމަވެފައިވާކަމަށާ، މިއީ ވަރަށް ކަންބޮޑުވާކަމެއްކަމަށް ޝިއާމް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަފުޅުދައްކަވަމުން ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސިޖާާޢު ވިދާޅުވީ މިހާރުވެސް އެޕާޓީގައި ހަތްހާހާ ގާތްކުރާ އަދަދަކަށް މެމްބަރުންގެ ފޯމް ލިބިފައިވާކަމަށެވެ. މިފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ މިފަދަ ދޯދިޔާކަންކަން އިލެކްޝަންސް ކޮމިޝަނުގައި ހުރުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދާދިފަހުން އެޕާޓީން ކުރި ދެދަތުރުގައިވެސް ގިނަ އަދެއްގެ ފޯމް އެޕާޓީއަށް ލިބިފައިވާކަމަށް ސުޖާއު ވިދާޅުވިއެވެ.

ޕީޕީއެމްއިން މެމްބަރތުން މަދުވާ މައްސަލާގައި ޝަހުވާކުރަން ޕީއެންސީގެ ފަރާތުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ދިޔައިރު އެޕާޓީ އުފައްދާފައިވަނީ ޕީޕީއެމްއިން އެތައް ސަތޭކަ މެމްބަރުންނެއް ވަކިވެގެންނެވެ. ޕީއެންސީގެ ލީޑަރޝިޕުގައި ހިމެނޭ މެމްބަރުންނަކީވެސް ކުރިން ޕީޕީއެމްގެ މެމްބަރުންނެވެ.