އައްޑޫ ސިޓީގައި 20 މެގަވޮޓްގެ ކަރަންޓުގެ މަޝްރޫޢުއެއް ހިންގުމަށް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 37 މިލިއަން ޑޮލަރަށެވެ. މަޝްރޫޢު ކުރިއަށްގެންދިއުމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސުމުގެ މަސައްކަތް ކުރަންޖެހޭނީވެސް އެ ކުންފުނިންނެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވީ، ބިޑް ކުރުމަކާއި ނުލައި ޑޮންގްފަންގް އައްޑޫ ސިޓީގައި 20 މެގަވޮޓްގެ ކަރަންޓުގެ މަޝްރޫޢުއެއް ހިންގުމަށް ހަވާލުކުރީ މިއީ ސަރުކާރުގެ އިޤްތިޞާދީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ އެންމެ މުހިންމު އެއް އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަކަށް ވާތީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވްރާތައް ކުރިއަށް ގެންދިއުމަށް ފަހުކަމަށެވެ. އަދި އެ ކުންފުނި ޚިޔާރުކުރީ މިއީ މަސައްކަތުގެ ގޮތުންވެސް އަދި މާލީ ޤާބިލުކަންވެސް ހުރި ކުންފުންނަކަށްވާތީކަމަށެވެ.
މިކަމުގެ އެބަސްވުމުގައި އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ނާހިޔާ މުޙައްމަދުއެވެ. އަދި ޑޮންގްފަންގް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީޕް ރެޕްރެޒެންޓޭޓިވް ކުއި ޗުންއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ، މި ދަޢުރުގައި ރާއްޖޭގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެންނައުމަކީ އަމާޒެއްކަމަށެވެ. އެގޮތުން ސަރުކާރުން ރާއްޖޭގައި 4 އިކޮނޮމިކް ހަބް ތަރައްޤީކުރާއިރު، ކަރަންޓާއި ފެނާއި ނަރުދަމާފަދަ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ކުރިއަށް އޮތް 15 އަހަރު ހަކަތައިގެ ދާއިރާއިން ދަތި ނުވާވަރަށް ދާއިރާ ތަރައްޤީކުރާނަން. އައްޑޫ ކަރަންޓުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިއަހަރު ގެނެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ ފެނަކަ ކޯޕަރޭޝަނާއި ގުޅިގެންނެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދް މުޙައްމަދު ވިދާޅުވީ، މި ޕަވަރ ހައުސް ނިމިގެންދާނީ އެންމެ ޒަމާނީ އިންޖީނު ގެއެއްގެ ގޮތުގައިކަމަށެވެ. އަދި މިއީ 23 އަހަރަށް ފަހު އައްޑޫގެ ހަކަތައިގެ ވިއުގައަށް އަންނަނާނެ ބޮޑު އިންގިލާބީ ބަދަލެއްކަމަށް ވިދާޅުވިއެވެ.
"މުޅި ޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު 36 މެގަވޮޓްގެ ކަރަންޓު ޖެނެރޭޓް ކުރެވޭ ކެޕޭސިޓީ ހުންނާނެ. އަދި 10 މެގަވޯޓްގެ ސޯލާ ޕްރޮޖެކްޓެއްވެސް އައްޑޫގައި ހިންގުމަށް މިދަނީ ތައްޔާރުވަމުން.. މުޅި އައްޑޫގެ ކަރަންޓުގެ %70 އަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ޢަމާޒެއް." އަޙްމަދު ސަޢީދް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވީ އައްޑޫގައި މިވަގުތު އޮތީ ވަރަށް ބާ ހަކަތައިގެ ނިޒާމެއްކަމަށެވެ. އަދި މިއީ ވަރަށް ޚަރަދުބޮޑު ނިޒާމެއްކަމަށާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅުވެގެންދިއުމަކީ ރައްޔިތުންގެ އުއްމީދެއްކަމަށް މޭޔަރ ވިދާޅުވިއެވެ.
"ކަރަންޓު މައްސަލައަކީ އައްޑޫގެ ތަރައްޤީއަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް. މި މަޝްރޫޢު އަވަހަށް ނިމި އޭގެ ފައިދާ ރައްޔިތުންނަށް ލިބުމަކީ ކައުންސިލާއި އަދި ރައްޔޮތުންގެވެސް އެންމެ ބޮޑު އެދުން." މޭޔަރ ވިދާޅުވިއެވެ.
މި ޕްރޮޖެކްޓް ހަވާލުކުރީ 15 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން އިންޖީނުގެ ހިންގުމުގެ މަސައްކަތް ކުރާނީ ފެނަކަ ކުންފުނިންނެވެ. އައްޑޫ ސިޓީގެ ކަރަންޓުގެ މިހާރުގެ ހާލަތަށް ބަލާއިރު، 25 މެގަވޯޓްގެ ކެޕޭސިޓީ އިންސްޓޯލްކުރެވިފައިވީނަމަވެސް، އިންޖީނުތައް ބާވެ ހަލާކުވެފައި ހުރުމުގެ ސަބަބުން ބޭނުންކުރެވެނީ 6 މެގަވޯޓާއި 7 މެގަވޯޓާ ދެމެދުގެ ކަރަންޓުކަމަށް ފެނަކަ ކުންފުނިން މަޢުލޫމާތުދެއެވެ.