މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައާއި، މަގުތައް ހަލާކުވުމުގެ މައްސަލަ ޙައްލުކުރުމަށް ތައްޔާރުކުރާ އާ ޕްލޭންތަކަކީ މިކަންކަން ޙައްލުކުރުމަށް ކުރިން ކޮށްފައި ހުރި މަސައްކަތްތައްވެސް ހިމަނައިގެން ހަދާ ޕްލޭންތަކެއްކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއާއި ވާހަކަދައްކަވަމުން ސިފާ ވިދާޅުވީ އާ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރާނީ ކުރީގެ ސަރުކާރުތަކުން ބޭނުން ހިފޭގޮތަށް ކޮށްފަހުރި މަސައްކަތްތައްވެސް ހިމަނައި، ވީހާވެސް އިސްރާފު ކުޑަ ކުރެވޭނެގޮތަށްކަމަށެވެ.
މާލޭގެ މަގުތަކުގައި އަތުރާފައިވާ ގާތައް ހަލާކުވެ، ދުއްވާ އުޅަނދުތަކަށް ލިބޭ ގެއްލުންތަކާއި، ކާނުތަކާއި މަގުތައް ހަދާފައިވާގޮތުން ވިއްސާރަ ދުވަސްތަކުގައި މާލޭގައި ފެންބޮޑުވުމަކީ އާއްމުންގެ ޝަކުވާއަށް ޙައްލު ނުލިބި އޮތް މައްސަލައެކެވެ. މަގުތަކުގެ މައްސަލައަކީ ސިޓީ ކައުންސިލުންވެސް ޚާއްސަ އިސްކަމެއް ދީގެން، ޙައްލުކުރުމުގެ މަސައްކަތް ފަށާފައިވާ މަސައްކަތެކެވެ.
ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މާލޭގެ މަގުތައް ހެދުމަށް ނިންމާފައިވާގޮތާއި، މަސައްކަތްކަތާއި ގުޅޭ ޕްލޭން މިހާރު ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާފައިވާކަމަށެވެ. ސިފާ ވިދާޅުވީ އެންމެ ފުރަތަމަ އިސްކަމެއްދޭނީ ވިއްސާރާ ދުވަސްވަރު މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ވެސްޓް ޕަރކް ސަރަޙައްދުގެ މަގުތައް މަރާމާތުކުރުމަށެވެ.
ސިފާ ވިދާޅުވީ މަގުތަކުގައި ގާއަތުރާލައިގެން މަގުތަކުގެ މައްސަލަ ޙައްލުވާން ނެތްކަމަށެވެ. އެގޮތުން އަލަށް ހަދާ ޕްލޭންގައި މަގުތައް ހަދާނީ މަގު ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ވީހާވެސް ބޮޑަށް ޙައްލުވާނެހެންކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ފެންހިންދާ ނިޒާމު ހަދާއިރު އަޅާ ހޮޅިތައްވެސް އަޅާނީ ކާނުތެރެއިންދާ ގޮތަށްކަމަށް ޝިފާ ވިދާޅުވިއެވެ. މީގެއިތުރުންވެސް އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ، ފަސޭހައިން ފެން ލިބޭނެގޮތަށް ހައިޑްރަންޓް ސިސްޓަމްވެސް ބަހައްޓާނެކަމަށް ވިދާޅުވިއެވެ.
ސިފާ ވިދާޅުވީ މާލޭ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި މަގު ހެދުމަކީވެސް ބޮޑު މަސައްކަތެއްކަމަށެވެ. މަގު ހެދުމުގެ މަސައްކަތް އަލުން ފަށާނީ މިހާރު މިކަމާއި ގުޅިގެން ކުރަން ފަށާފައިހުރި އެކި މަސައްކަތްތައްވެސް ހިމެނޭހެންކަމަށް އޭނާ ވިދާޅުވިއެވެ. ސިފާ ވިދާޅުވީ މި މަސައްކަތް ކުރާނީ ބޭނުން ހިފޭގޮތަށް ކޮށްފަހުރި މަސައްކަތް ހިމަނައި ވީހާވެސް އިސްރާފު ކުޑަކުރެވޭނެގޮތަށްކަމަށެވެ.
މަގު ހެދުމުގެ މަސައްކަތަކީ ސިޓީ ކައުންސިލުން އެކަނި ޕްލޭން ހަދައިގެން ކުރެވޭނެ މަސައްކަތެއް ނޫންކަން މޭޔަރވަނީ ފާހަގަކޮށްފައެވެ. ސިފާ ވިދާޅުވީ މިކަމުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޙިއްސާވެސް ވަރަށް ބޮޑަށް އޮންނާނެކަމަށެވެ.
ބޯކޮށް ވަރޭ ވެހިއްޖެނަމަ ކުޑަ ވަގުތުކޮޅެއްތެރޭ މާލޭގެ މަގުތަކުގައި ފެންބޮޑުވެއެވެ. އަދި ކާނުތައް ބެދުމާއި، މާލޭގެ ބައެއް ސަރަޙައްދުތައް އަޑިކޮށް ހުރުމުގެ ސަބަބުން ފެން ހިންދުމަށްވެސް ގިނަ ވަގުތައް ނަގައެވެ. މިހާރުވެސް މާލޭގެ ބައެއް ސަރަޙައްދުގައި ސްޓޯމް ވޯޓަރ ޕަމްޕްތައް ބޭނުންކުރި ނަމަވެސް އެއީ މާލެއަށް އެންމެ އެކަށީގެންވާ އަދެއް ނޫނެވެ.
މިއަހަރުތެރޭގައިވެސް ވިއްސާރަވެ މާލޭގައި އެތަށް ފަހަރަކު ފެންބޮޑުވެފައިވެއެވެ. އަދި ގޭގެއަށް ފެންވަދެ އާއްމުނަނަށްވެސް ބޮޑެތި ގެއްލުންތައްވެފައިވެއެވެ.