ޚަބަރު

ކުރީސަރުކާރުތަކުގައި ދިމާވިފަދަ ދެރަގޮތްތައް މިސަރުކާރުކާރުގައި ނުވާނެކަމުގެ އިތުބާރު އެބައޮތް - ޤާސިމް


ކުރީސަރުކާރުތަކުގައި ދިމާވިފަދަ ދެރަގޮތްތައް މިސަރުކާރުކާރުގައި ނުވާނެކަމުގެ އިތުބާރު އެބައޮތްކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

"އެންމެންގެ ޖުމްހޫރީ ޕާޓީއަށް" މިނަމުގައި ޖުމްހޫރީ ޕާޓީން ގެނެސްދޭ ޙާއްސަ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ ހުރިހާ ސަރުކާރުތަކެއްގައި އެއްގޮތަކަށް ވާނެކަމަށް ބަލައިގަނެގެން ނުވާނެކަމަށެވެ. އަދި ކުރީ ސަރުކާރުތަކާއި ޙިލާފަށް މިސަރުކާރުގެ ނުވަތަ މިވެރިކަމާއި ހަވާލުވެ ވަޑައިގެން ހުންނެވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އަކީ ވަރަށް މަޑުމައިތިރި ކަންކަމުގައި ވިސްނުންތެރިކަމާއި، ކެތްތެރިކަމާއި އެކުގައި މަސައްކަތް ކުރައްވާ ވެރިއެއް ކަމުގައި ޤާސިމް ވިދާޅުވިއެވެ.

"ވަރަށް ގިނަ ސަރުކާރުތަކުންވެސް އަޅުގަނޑުމެންނަށް ދެރަގޮތްގޮތް ދިމާވެފައި އެބަހުރި. މިސަރުކާރަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަހަލަ ކަމެއް ދިމައެއް ނުވާނެ. މުސްކުޅިން ބުނެއެޅޭ 3 އިން 1 އެކައްޗޭ ރާވަނީ. ދެން ކުރީގަ ދޭތިފަހަރު މިހާރު ހިނގައްޖެ. ދެން މިފަހަރު އިރާދަކުރެއްވިޔާ، އެހެން ނުވާނެކަމަށް މިބަލަނީ. ރައީސް އިބްރާހިމް މުހައްްމަދު ޞާލިހުއަކީ ވަރަށް މަޑުމައިތިރި، ވިސްނުންތެރި، ކެތްތެރިކަމާއެކު ކަންކަން ކުރައްވާ ހިކުމަތްތެރި ލީޑަރެއް." ޤާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ސިޔާސީ ކުރިމަގަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ މިވަގުތު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީޓަކުގެ ތެރެއިން އެންމެ ހަރުދަނާ އަދި ކުރިމަގެއް އޮތް ޕާޓީއަކީ ޖުމްހޫރީ ޕާޓީކަމަށެވެ. ކުރިއަށް އޮތް ދޮޅު އަހަރެއްގެ ތެރޭގައި ޕާޓީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާއިރު އެ ކޮންގްރެސްގައި ޕާޓީގެ ހުރިހާ މަަޤާމަކަށް ވާދަކުރުމުގެ ފުރުޞަތު ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް ލިބިގެންދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވިއެވެ.

މަޤާމްތަކަށް މެމްބަރުން އިންތިޙާބުވެ، ޕާޓީގެ އަމާޒުއޮތީ ރައްޔިތުންނާއި ގުޅިގެން ކަންކަން ކުރުމަށް ކަމުގައިވެސް ޤާސިމް ވިދާޅުވިއެވެ. މި އިންތިޙާބުގެ ކުރިން އަންނަ މަހު ބާއްވާ ޕާޓީގެ އެތެރޭގެ އިންތިޙާބާއި، ގޮފިތައް ހެދުމުގައި ހުރިހާ މެމްބަރުންވެސް ޙާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރުމަށްވެސް ޤާސިމްވަނީ އެޕާޓީގެ މެމްބަރުންނަށް ގޮވާލާފައެވެ.