ޚަބަރު

މިއަހަރުގެ ދިރާސީ އާ އަހަރު ނިމުމުގެކުރިން އަންނަ އަހަރުގެ ފޮތްތައް ދަރިވަރުންނާ ހަވާލުކުރާނެ - އެޑިއުކޭޝަން


މިއަހަރުގެ ދިރާސީ އަހަރު ނިމުމުގެ ކުރިން އަންނަ އަހަރުގެ ޓެކްސްޓް ފޮތްތައް ދަރިވަރުންނަށް ބަހާ ނިމޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިނިސްޓްރިއިން މިހާރުވަނީ ދަރިވަރުންގެ ފޮތްތައް ބެހުމުގެ މަސައްކަތް ފަށާފައެވެ.

މާލޭގައިވެސް އަދި ރަށްރަށުގައިވެސް ދަރިވަރުންގެ ފޮތްތައް ބަހަނީ ސްކޫލްތަކާއި ޙަވާލުކޮށްގެންނެވެ. އެގޮތުން ރަށްރަށަށް ފޮތް ފޮނުވުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރިއަށްގެންދަމުންނެވެ.
މިއަހަރުގެ 2ވަނަ ޓަރމްގެ ކިޔެވުމައިއެކު، 2019ވަނަ އަހަރުގެ ދިރާސީ އާ އަހަރު ނިިމޭނީ އަންނަ މަހުގެ 21ވަނަ ދުވަހުއެވެ.

ސްކޫލްތަކަށް މިހާރު ފޮތާއި ސްޓޭޝަނަރީ ފޯރުކޮށްދެނީ ސަރުކާރުގެ ޚަރަދުގައެވެ. ސްކުލް ދަރިވަރުންގެ ފޮތްތައް ޑިޖިޓަލައިޒްކޮށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާކަމަށް އޭޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިގޮތަށް ބަދަލުކުރުމަށް ނިންމީ ސްކޫލްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެދަށުން، ދަރިވަރުންނަށް ކިޔެވުމުގައި ލުއި ފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމަށެވެ.

އަދި ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމްގެ ދަށުން ޓެބްލެޓްތައް މިހާރަށްވުރެ ދަރިވަރުންނަށް ފައިދާވާނެ ގޮތެއްގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާކަމަށް މިނިސްޓްރީންވަނީ ވިދާޅެފައެވެ.