ފުލުހުން ވާންޖެހޭނީ އަމިއްލަ އެދުމާއި މަޞްލަހަތަށްވުރެ, ރައްޔިތުންގެ އެދުމާ މަޞްލަހަތާ އުއްމީދުތައް އިސްކުރާ ބަޔަކަށް ކަމުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ މިކަމަށް އެދިވަޑައިގަތީ ޝަރަފްގެ ނިޝާނާއި ކުލަ ދިނުމުގެ ރަސްމިއްޔާތުގައި މިއަދު ފުލުހުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާ ކުރިއަރާ ދާންވާނީ ރައްޔިތުންގެ މަޞްލަހަތު އިސްކޮށް ރައްޔިތުންގެ އެދުމާއި އުއްމީދުތައް އިސްކޮށްގެންކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ އިތުބާރު ދަމަހައްޓާ ބަޔަކަށްވެސް ފުލުހުން ވާންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ތިމާގެ އަމިއްލަ އެދުމާ މަޞްލަހަތަށްވުރެ ރައްޔިތުންގެ އެދުމާ މަޞްލަހަތާ އުއްމީދުތައް އިސްކުރާށޭ. ދެވަނަކަމަކީ ހަޤީޤަތުގައިވެސް މިވަގުތަށް ވަރަށް މުޙިއްމުކަމެއް. އަޅުގަނޑުގެ ހިތުން ކޮންމެ މަދަނީ ތަހުޒީބު މުޖުތަމައެއްގައި އެންމެ މުޙިއްމު އެއްސިފައަކީ އެބައެއްގެ ސަލާމަތާއި އަމާންކަން ކަށަވަރުކުރަން އޮންނަ މުއައްސަސާއާމެދުގައި އިތުބާރު ޔަޤީންކުރުން. އާދެ އެހެންކަމުން މިމުއައްސަސާގެ ކަރާމާތާއި، މުއައްސަސާގެ ޝަރަފާއި އިއްޒަތް ދަމަހައްޓަން ތިއްބެވީ ތިޔަބޭފުޅުން." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މުއައްސަސާތައް ހިނގަނީ ރައްޔިތުންގެ ބައިތުލްމާލުން، ރައްޔިތުން ކުރާ މަސައްކަތުން ދައުލަތަށް ލިބޭ އާމްދަނީންކަމަށާއި، އެހެންކަމުން ކޮންމެ މުއައްސަސާއެއްގެ މައްޗަށް ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ އެއްބާރުލުމާއި، ރައްޔިތުން ބޭނުންވާ އުއްމީދު ހޯދަންޖެހޭކަމަށެވެ. އެހެންކަމުން ފުލުހުންގެ މުއައްސަސާއަކީ އަޅުގަނޑުމެން ވަރަށްބޮޑު އުއްމީދެއް ވަރަށްބޮޑު އެދުމެއް އޮތް މުއައްސަސާއެއްކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އެމީހުންގެ ސަލާމަތާއި، ރައްކާތެރިކަމާއި ހަމަޖެހުންކަމަށެވެ. އެކަމުގައި އެންމެ މުޙިއްމު ޒިންމާއަކާއި، މަޞްޢޫލިއްޔަތެއް އޮތް ފަރާތަކީ ފުލުހުން ކަމާއިމެދު އެއްވެސް ބޭފުޅަކު ޝައްކު ނުކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.