އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުނި އަންދައިގެން ހަކަތަ އުފައްދާ ނިޒާމުގެ މަސައްކަތް ޑިސެމްބަރު މަހު ފަށާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. މި މަޝްރޫއަކީ 1 އަހަރު ދުވަހުގެ މަޝްރޫއެކެވެ.
ސަރުކާރުގެ ގްރީން ޓެކްސް ފަންޑުގެ ދަށުން ހިންގާ އެންމެ ފުރަތަމަ މަޝްރޫޢުއަކީ އައްޑުއާއި ފުވައްމުލަކު ސިޓީގެ ކުނި މެނޭޖުކުރުމަށް ހިންގާ ބޮޑު މަޝްރޫޢެވެ. މި މަސައްކަތް ކުރުމަށް ކޮރެއާގެ ކުންފުންޏަކާއެކު މިހާރުވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އައްޑޫ ސިޓީ ހިތަދޫ ކުނިމެނޭޖްކުރާ ޕްރޮޖެކްޓްގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު، މި ޕްރޮޖެކްޓް ވެގެންދާނީ، ކުނި މެނޭޖްކުރުމަށާއި ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓު އުފެއްދުމަށްކުރާ މަސައްކަތަށްވެސް ކުރިއެރުންތަކެއް ލިބޭނެ މަޝްރޫޢުއަކަށެވެ.
އެންވާރަމެންޓް މިނިސްޓްރީއިން ވިދާޅުވީ މިހާރު ކުރިއަށްދަނީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވުމުުގެ މަސައްކަތް ކަމަށެެވެ. ކުނި މެނޭޖްކުރުމުގެ މި މަޝްރޫޢުއަކީ ކުނި އަންދައިގެން ހަކަތަ އުފެއްދޭނެ ނިޒާމަކާއެކު ފަށާ ޕްރޮޖެކްޓެކެވެ.
"ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ" ޕްރޮޖެކްޓަކީ ކުނި އަންދައިގެން އަރާ ހޫނު ބޭނުންކޮށްގެން ހަކަތަ އުފައްދާ ނިޒާމެކެވެ. މި ނިޒާމު ބޭނުންކޮށްގެން 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހު ފެށުމަށް ތައްޔާރުވަމުންދާއިރު، އަންނަ އަހަރު ފަހުކޮޅު މަޝްރޫއު ނިންމައި ބޭނުންކުރަން ފެށޭވަރު ވާނެކަމަށް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ހަކަތައިގެ 1 މެގަވޮޓް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އާއްމުނަށް ކަރަންޓު ފޯރުކޮށްދޭ ގްރިޑާއި ގުޅާލައިގެންނެވެ. އަދި ބާކީ ހަކަަތަ ބޭނުންކުރާނީ ކުނި މެނޭޖްކުރާ ސިސްޓަމް ހިންގުމަށެވެ.
ސަރުކާރުން މަސައްކަތް ކުރަނީ ކަރަންޓު އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އުތުރުގެ ގިނަ ރަށްތަކެއްގައިވަނީ އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކޮށް، ބޭނުންކުރަން ފަށާފައެވެ. އެ ރަށްރަށަށް ކަރަންޓު ފޯރުކޮށްދޭ ކުންފުނި ފެނަކައިން ބުނެފައިވަނީ މި ބަދަލާއެކު، އިންޖީނު ހިންގުމަށް ތެޔޮ ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް މަދު ކުރެވިފައިވާކަމަށެވެ.
ބައެއް ރަށްތަކުގައި 3-4 ގަޑިއިރު އިންޖީނާއި ނުލާއި، ސޯލާ ޕެނަލް ބޭނުންކޮށްގެން ހަކަތަ ފޯރުކޮށްދެއެވެ. ރައްރަށުގައި ދުވާލުގަޑީގައި ބޭނުންކުރާ ހަކަތައިގެ އެންމެ މަތީ އަދަދުގެ 30 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތަކަމަށް ހެދުމަށް ކުރިން މަސައްކަތް ފެށިނަމަވެސް މިހާރު ސަރުކާރުގެ އަމާޒަކީ މި ނިސްބަތް 70 އިންސައްތައަށް ހެދުމެވެ.
މީގެ އިތުރުން ކަނޑުގެ އޮއެ ބޭނުންކޮށްގެން ކަރަންޓު އުފެއްދޭތޯ ޓެސްޓް ކުރުމުގެ މަސައްކަތްވެސް ރާއްޖޭގައި ދަނީ ކުރަމުންނެވެ. ކުނި އަންދައިގެން ހަކަތަ އުފެއްދުން ވެގެންދާނީ، ކުނީގެ މައްސަލައަށާއި ހަކަތަ އުފެއްދުމަށް ތެލަށް ކުރާ ހޭދަވެސް ކުޑަކުރެވޭނެ މުހިންމު މަސައްކަތަކަށެވެ.