ޚަބަރު

ބްރޯޑްކާސްޓިން ކޮމިޝަނުން ޒައިނާ ވަކިކުރަން މަޖިލީހުން ފާސްކޮށްފި


ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުން އެ ކޮމިޝަންގެ ނާއިބު ރައީސް ފާތިމަތު ޒައިނާ ވަކިކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން ޤާނޫނީ ގޮތުން އަދާ ކުރަންޖެހޭ ޒިންމާ އަދާ ކުރުމުގައި އިހުމާލުވެފައިވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން މިއަދު ނެގިވޯޓުގައި އެކޮމިޝަންގެ މިހާރުގެ ނާއިބްރައީސް ޒޭނާ ވަކިކުރަން ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 56 މެމްބަރުންގެ ވޯޓާއިއެކުގައެވެ.

ޒައިނާ މެމްބަރުކަމުން ވަކިކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ބަލަންޖެހޭ ބުލުންތައް ބެލުމަށްފަހު އެކުލަވާލައިފާ ރިޕޯޓްގެ މައްޗަށް ރިޢާޔަތްކޮށްފައެވެ.

ޒައިނާ މިއަދު މަޤާމުން ވަކިކޮށްފައިވާއިރު ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުހައްމަދު ޝަހީބްވަނީ މިދިޔަ ހަފްތާގެ ބުދަދުވަހު މިމައްސަލަ އެޖެންޑާކޮށްފައިވަނިކޮށް ކޮމިޝަން އިސްތިއުފާދެއްވާފައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުންވަނީ މަޤާމުން އިސްތިއުފާދެއްވި ނަމަވެސް މަޤާމުގައި ހުންނަވައިގެން ހިންގެވި ގާނޫނާއި ގަވާއިދާއި ޙިލާފް އަމަލުތައް ބަލައި އެފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ޝަހީބާއި ޒައިނާ ކޮމިޝަނުން ވަކިކުރުމަށް މިދިޔަ ޖުލައި މަހުގެ 24 ވަނަދުވަހުވެސް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމާ އެ މައްސަލަ ވަނީ ތަޅުމަށް ފޮނުވާފައެވެ. އެހެންނަމަވެސް އެ މައްސަލަ އޭރު އެޖެންޑާކޮށްފައިނުވަނީ މަޖިލީހުގެ ޤަވައިދު އިސްލާހުކުރަމުގެ މަސައްކަތް ކުރިޔަށްދިޔުމުންނެވެ.

ޝަހީބާއި ޒައިނާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކަށް އައްޔަން ކޮށްފައިވަނީ 5 އޭޕްރީލް 2016 ގައެވެ. ޝަހީބު ބްރޯޑް ކާސްޓިން ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާ މިއީ ދެ ވަނަ ދައުރެވެ.

ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އިސްމާޢީލް ޞަފްވާނާއި، ޙަސަން ނަބާޙު ބްރޯޑްކޮމް އިން އިސްތިއުފާދެއްވުމުން އެކޮމިޝަނުން ހުސްވެފައިވާ ދެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ 36 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިސްކަން ދެއްވާފައިވާ 10 ނަމުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޝިފްލާ އިބްރާހިމްއާއި، މުޙައްމަދު ޙިލްމީއާއި، އަޙްމަދު ގައިސްއާއި، ޢަލީ ޔޫސުފްއާއި، އާމިލާ އާދަމްއާއި، އަޙްމަދު ފައިރޫޒް އާއި، ޖައުފަރު ރަޝީދާއި، އައިޝަތު ދިޔާނާ ޠޯހިރާއި، ސައުދާ ސަލީމްގެ އިތުރުން ނަފީސް މުޙައްމަދެވެ.