މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މުވައްސަސާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުން ވ ކެޔޮދޫގައި ފަށައިފިއެވެ.
ކެޔޮދޫގައި މިއަދު ފެށި މި ބައްދަލުވުމަކީ މިއަހަރު ކުރިއަށްގެންދާ މިސިލްސިލާގެ ފަހު ބައްދަލުވުންކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. މި ބައްދަލުވުމުގައި 30 ބައިވެރިން ބައިވެރިވެއެވެ. މި މަސައްކަތު ބައްދަލުވުމުގައި ތަފާތު 10 ދާއިރާއަކުން މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޒުވާން ޖީލަށް ރަނގަޅު މުސްތަގުބަލެއް ގެނައުމަށާއި ކުށްމަދުކުރުމުގެ އިތުރުން މިނޫންވެސް މުޖުތަމަޢަށް މުހިންމު ގިނަ ކަންތައްތަކަކަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ހޯމް މިނިސްޓްރީން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ވ.އަތޮޅުގެ ތިނަދުއާއި ރަކީދޫ ނޫން ހުރިހާ ރަށަކުން ވަނީ ބައިވެރިވެފައެވެ.
މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ކުރިއަށްގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ކެޔޮދޫ ކައުންސިލްގެ ރައީސް އަޙްމަދު ޔޫސުފް ވަނީ މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ރަށްރަށުގައި މިހާރަށްވުރެ ރަނގަޅަށް ކަންކަން ކުރިއަށްގެންދެވޭނެކަން ޔޫސުފް ފާހަގަ ކުރައްވާފައެވެ. އަދި މަސައްކަތު ބައްދަލުވުމުގެ ބައިވެރިން މި ބައްދަލުވުން ހެޔޮގޮތުގައި ބޭނުންކޮށް ޢަމަލުކުރުމަށް ޔޫސުފް ވަނީ ގޮވާލައްލާފައެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަރުޝަދު އަޝްރަފް ވިދާޅުވީ މި މަސައްކަތު ބައްދަލުވުން ކުރިއަށްގެންދިޔުމުގައި ވަކި އަތޮޅެއް ނުބަލައި މަސައްކަތު ބައްދަލުވުން ކުރިއަށްގެންދިޔުމަކީ އެ މިނިސްޓްރީން އިސްކަންދެއްވި ކަމެއް ކަމަށެވެ. އަދި އެ މިނިސްޓްރީގެ އަމާޒަކީ ހުރިހާ އޮޅެއްގައިވެސް ޒިންމާދާރު ރައްޔިތުން ބިނާ ކުރުންކަން އަރުޝަދު ފާހަގަކުރެއްވިއެވެ.
މި މަސައްކަތު ބައްދަލުވުމަކީ ޒިންމާދާރު ރައްޔިތުން ބިނާކުރުމާއި ރަށްރަށުގައި ތިބި ޒިންމާދާރު ފަރާތްތައް އަހުލުވެރިކުރުމަށާއި، އެފަރާތްތައް މެދުވެރިކޮށް ރައްޔިތުން ޒިންމާދާރުކުރުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މިހާތަނަށް މި ޕްރޮގްރާމުގެ ދަށުން ސިލްސިލާ 13 ބައްދަލުވުމެއް ކުރިއަށްގެންގޮސްފައިވެއެވެ. ކެޔޮދޫގައި ފެށި މި ބައްދަލުވުން ކުރިއަށްދާނީ މިއަދާއި މާދަމާއެވެ. މިއަހަރު މިބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ރ.އަތޮޅާއި، ތ.އަތޮޅުގެ އިތުރުން ވ.އަތޮޅުގައެވެ.