ޚަބަރު

ޝަހީބާއި ޒޭނާ ވަކިކުރުން މާދަމާގެ ޖަލްސާގައި


ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުން އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބާއި ނާއިބު ރައީސް ފާތިމަތު ޒައިނާ ވަކިކުރަން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން ޤާނޫނީ ގޮތުން އަދާ ކުރަންޖެހޭ ޒިންމާ އަދާ ކުރުމުގައި އިހުމާލުވެފައިވާ މައްސަލާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް މާދަމާ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވަނީ އެޖެންޑާކޮށްފައެވެ. އަދި ޝަހީބާއީ ޒައިނާ މަޤާމުން ވަކިކުރުމަށް މާދަމާގެ ޖަލްސާގައި ވޯޓަށް އަހާނެއެވެ.

ޝަހީބާއި ޒައިނާ މެމްބަރުކަމުން ވަކިކުރުމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފައިވަނީ އެ ކޮމެޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ޝަހީބާއި ޒައިނާ ކޮމިޝަނުން ވަކިކުރުމަށް މިދިޔަ ޖުލައި މަހުގެ 24 ވަނަދުވަހުވެސް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމާ އެ މައްސަލަ ވަނީ ތަޅުމަށް ފޮނުވާފައެވެ. އެހެންނަމަވެސް އެ މައްސަލަ އޭރު އެޖެންޑާކޮށްފައިނުވަނީ މަޖިލީހުގެ ޤަވައިދު އިސްލާހުކުރަމުގެ މަސައްކަތް ކުރިޔަށްދިޔުމުންނެވެ.

ޝަހީބާއި ޒައިނާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކަށް އައްޔަން ކޮށްފައިވަނީ 5 އޭޕްރީލް 2016 ގައެވެ. ޝަހީބު ބްރޯޑް ކާސްޓިން ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާ މިއީ ދެ ވަނަ ދައުރެވެ.

ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އިސްމާޢީލް ޞަފްވާނާއި، ޙަސަން ނަބާޙު ބްރޯޑްކޮމް އިން އިސްތިއުފާދެއްވުމުން އެކޮމިޝަނުން ހުސްވެފައިވާ ދެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ 36 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިސްކަން ދެއްވާފައިވާ 10 ނަމުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޝިފްލާ އިބްރާހިމްއާއި، މުޙައްމަދު ޙިލްމީއާއި، އަޙްމަދު ގައިސްއާއި، ޢަލީ ޔޫސުފްއާއި، އާމިލާ އާދަމްއާއި، އަޙްމަދު ފައިރޫޒް އާއި، ޖައުފަރު ރަޝީދާއި، އައިޝަތު ދިޔާނާ ޠޯހިރާއި، ސައުދާ ސަލީމްގެ އިތުރުން ނަފީސް މުޙައްމަދެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވި ނަންތަކަށް މަޖިލީހުންވަނީ އާއްމުންގެ ހިޔާލުވެސް ހޯދާފައެވެ.