ސިޔާސީ

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ޢައްޔަންކުރަން ފިޔާޒާއި ފަޔާޒާއި އާހިދުގެ ނަން ތަޅުމަށް


އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން 3 ނަމެއް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުޢައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ހުސްވެފައިވާ އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސް ވަނީ 9 ބޭފުޅެއް ގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ. މި ނަންތަކުގެ ތެރެއިން ރައީސް އިސްކަންދެއްވާފައިވާ 4 ބޭފުޅުންނާއި ކޮމެޓީން ވަނީ އިންޓަރވިއުކޮށްފައެވެ.

ކޮމެޓީން އިންޓަރވިއުކުރީ ހުސައިން ފިޔާޒު މޫސާ އާއި އަޙްމަދު ފަޔާޒާއި، އަޙްމަދު އާހިދު ރަޝީދުގެ އިތުރުން ފާތިމަތު ސައުޝަން އެވެ. މި ބޭފުޅުންގެ ތެރެއިން ފާތިމަތު ޝައުޝަން ނޫން އަނެއް ތިން ބޭފުޅުނަށް ރުހުން ހޯދުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރީ ކޮމެޓީގައި ބައިވެރިވެޑައިގެން ނުވަ މެމްބަރުންގެ ވޯޓުންނެވެ. މި ތިން ނަމަށް މަޖިލީހުގައި ޖަލްސާގައި ވޯޓަށް އަހާނެއެވެ. އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަންކުރާނީ މަޖިލީހުގެ ތަޅުމުން އެންމެ ގިނަ ވޯޓް ލިބިވަޑައިގަންނަވާ ބޭފުޅެކެވެ.

މަޖިލީހުގެ ޤަަވައިދަށް ގެނައި އިސްލާހުގެ ދަށުން މި އިންޓަރވިއުތައް ލައިވްކުރުމުގެ ހުއްދަ މީޑިއާތަކަށް ދިނުމުން މިނިވަން މުޢައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުންތައް ޓީވީ ޗެނަލްތަކުން ފުރަތަމަ ފަހަރަށްވަނީ ލައިވްކޮށް ދައްކާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރު މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ހަމަވެފައިވާތީއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު ބުނާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންޖެހެއެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމް ހުސްކޮށް އޮންނަތާ މިހާރު 2 މަސް ދުވަހަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ.