ތަޢުލީމީ ޖީލެއް ބިނާކުރުމުގައި މުދައްރިސުންގެ ދަޢުރަކީ މުހިންމު ދަޢުރެކެވެ. ކިޔަވައި ދިނުމުގައި މުދައްރިސުން އެތަށް ވަގުތެއް ހޭދަކުރާއިރު، އެމީހުންގެ މަސައްކަތްތައް ކުރިއެރުވުމަށް ގިނަ ގޮންޖެހުންތައް ހުރިކަން މުދައްރިސުން ފާހަގަކުރެއެވެ.
އެންމެ ގިނަވަގުތު މަސައްކަތުގައި ހޭދަކުރާ އެއްބަޔަކީ މުދައްރިސުންނެވެ. މަސައްކަތުގެ 5 ދުވަހުގެ އިތުރުން ހުކުރު ހޮނިހިރުގައިވެސް އެކިއެކި މަސައްކަތްތަކުގައި ގިނަ ވަގުތުތަކެއް މުދައްރިސުން ކޮންމެ ދުވަހަކުވެސް ސްކޫލުގައި ހޭދަކުރެއެވެ.
ކޮންމެ ޓީޗަރަކުވެސް އެވަރެޖްކޮށް 150އެއްހައި ދަރިވަރުންނަށް ކިޔަވައިދޭއިރު، ހުރިހާ ޓީޗަރުންގެވެސް އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ، މަތައްކަތުގެ ލޯޑު ބޮޑުވެ، އެކަށީގެންވާ މުސާރައެއް ނުލިބުމުގެ މައްސަލައެވެ. ގިނަ ޓީޗަރުން ބުންނަނީ އެމީހުން ހެނދުނު މަސައްކަތަށް ނިކުންނަގޮތަށް، ކިޔަވައި ދިނުމާއި ގުޅޭ އިތުރު މަސައްކަތް ކުރުމަށް ކޮންމެ ދުވަހަކު ސްކޫލުގައި 4،5 ގަޑިއިރު އިތުރަށް ހޭދަކުރަންޖެހޭކަމަށެވެ. ދަރިވަރުންގެ ކިޔެވުމުގެ މަސައްކަތްތަކުގެ އިތުރުން ސްކޫލްގައި ބާއްވާ އެހެނިހެން ޙަރަކާތްތަކައްވެސް ރާއްވާ ހިންގުމުގެ ގިނަ މަސައްކަތްތައް ކުރަނީ މުދައްރިސުންނެވެ. މިއީ އެޓީޗަރުންގެ ޕްރޮފެޝަނަލް މަސައްކަތުން ބޭރުން ކުރާ މަސައްކަތްކެވެ.
ސްކޫލުގައި ބާއްވާ ކުޅިވަރު ހަރަކާތްތަކާއި، އެކި ދުވަސްތައް ފާހަގަކުރުމާއި، އެހެން ފަރާތްތަކުން ބާއްވާ ހަރަކާތްތަކުގައި ދަރިވަރުންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާވެސް ނަގަ ބަޔަކީ ހަމަ މުދައްރިސުންނެވެ. މިފަދަ ހަރަކާތްތައް ގިނައިން ބާއްވަނީ ކިޔެވާ ގަޑި ނިމުމުންނާއި، އަދި ބަންދު ދުވަސްދުވަހު ކަމަށްވާތީ، ޗުއްޓީ ދުވަހެއް ނުލިބި މަސައްކަތް ކުރާ މުދައްރިސުން މަދެއްނޫނެވެ. މަސައްކަތްތައް ބުރަވެ އާއިލާއަށް ވަގުތު ނުދެވުމާއި، ސްޓްރެސްފަދަ މައްސަލަތައް ވެފައިވަނީ ޓީޗަރުން މި ދާއިރާ ދޫކޮށް ދާ އެންމެ ބޮޑު އެއް ސަބަބަށެވެ.
މިފަދަ ކަންކަން ދިމާވަނީ ސްކޫލްތަކުގެ އިންތިޒާމީ ނިޒާމުތަކުގައިވެސް މައްސަލަތައް ހުރުމުންކަމަށް ޓީޗަރުން ބުނެއެވެ. ކަންކަމުގެ ރޭވުންތެރިކަން ކުޑަވުމާއި، މަސައްކަތްތައް ބަލައި ނުގަތުމާއި، އަދި ޓީޗަރުންގެ ޝަކުވާތައް ނޭހުމަކީވެސް އެމީހުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ނުކުރާކަން ހާމަވާ ކަންކަންކަމަށް ޓީޗަރުން ދެކެއެވެ.
އަދި ނުއުފުލޭވަރުގެ އިތުރު ގިނަ ޒިންމާތައް ހަވާލުކުރާކަމީވެސް ޓީޗަރުންގެ ކަންބޮޑުވުމެކެވެ. ކުރާ ބުރަމަސައްކަތާއި ލިބޭ މުސާރައާއި ނުބައްދަލުކަމީ ކޮންމެ ޓީޗަރަކުވެސް ޤަބޫލުކުރާ ހަގީގަތެކެވެ. ހުކުރު ދުވަހު މަސައްކަތަށް ނެރުމާއި އިތުރު ގަޑީގެ ފައިސާ ނުލިބުމަކީވެސް މުދައްރިސުންގެ ޝަކުވާއެކެވެ.
މީގެއިތުރުން އެމީހުންނަށް ބޭނުންވާ ތަޢުލީމީ ފުރުސަތުތައްވެސް ހަނިކަން ޓީޗަރުން ފާހަގަކުރެއެވެ. ވަގުތު ނުލިބުމުން ކިޔަވަންދާން ދަތިވުމާއި ދާއިރާ ކުރިއެރުވުމާއި ގުޅޭ ތަމްރީންތައް ހޯދުމުގައި ދަތިތައް ހުރިކަން ފާހަގަކޮށްފައިވެއެވެ.
ޓީޗަރުން މިދާއިރާ ދޫކޮށް ދަންޖެހޭ އަނެއް ސަބަބެއްގެ ގޮތުގައި އެމީހުން ފާހަގަކުރަނީ މުދައްރިސުންނާއި މެދު އިޙްތިރާމް ކުޑަވުމެވެ. އަދި ޓީޗަރުންނަށް ދިމާވާ މިފަދަ މައްސަލަތަކުގައި ސްކޫލުން ލިބެންޖެހޭ އެއްބާރުލުންވެސް ނުލިބުމަކީ މި ދާއިރާއަށް ދުރައްދާން ޖެހޭ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.