ޚަބަރު

ސަރުކާރުގެ 4 އަހަރުގެ މާސްޓަރ ޕްލޭންގައި ސިއްޙީ ދާއިރާގެ ތަރައްޤީއަށް އުންމީދީ ވަޢުދުތަކެއް


ރާއްޖޭގެ ސިއްޙީ ދާއިރާއަކީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދާއިރާއެއްކަމުން އެކަންކަން ހައްލު ކުރުމަށް ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން އެކި ދާއިރާތަކުން ސަރުކާރުން ޙާސިލްކުރަން ބޭނުންވާ ކަންކަން ހިމަނައިގެން، އިޢުލާންކުރި 4 އަހަރުގެ "ސްޓްރެޓެޖިކް އެކްޝަން ޕްލޭން"ގައިވެސް ވަނީ ސިއްޙީ ދާއިރާއާ ގުޅުންހުރި މުހިންމު ވަޢުދުތަކެއް ހިމަނާފައެވެ. މި ޕްލޭންގައި ސިއްޙީ ދާއިރާއާ ގުޅުންހުރި މައިގަނޑު 11 ވަޢުދެއް ހިމަނާފައިވެއެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނަކީ ސަރުކާރުން މި ދަޢުރުގައި ހިންގުމަށް ނިންމާފައިވާ ކަންކަމާއި، އަދި އެ ކަންކަން ޙާސިލްކުރުމަށް ބޭނުންވާ ޓައިމްލައިނާއެކު ހަދާފައިވާ 4 އަހަރުގެ ޕްލޭނެކެވެ.

ސިއްޙީ ޚިދުމަތްތައް ރާއްޖޭގެ އެއް ސަރަޙައްދަކަށް ޖަމާވެފައިވާއިރު، މިކަމަކީ މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގައި ސަރުކާރުގެ އެންމެ ބޮޑު ވިސްނުމަކީ ޚިދުމަތްތައް މުޅި ރާއްޖެއަށް ބަހާލައިގެން ހަމަހަމަ ކަމާއެކު ދިނުމެވެ. އެގޮތުން މުޅި ރާއްޖެ ހިމެނޭހެން 5 ސަރަޙައްދަށް ބަހާލައި ތަރައްޤީކުރުމަށް ނިންމާފައިވާއިރު، ސަރުކާރުންވަނީ މިއިން ކޮންމެ ސަރަޙައްދެއްގައި ފުރިހަމަ ޚިދުމަތްތަކާއެކު ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށް މި ޕްލޭންގައި ހިމަނާފައެވެ.

ސިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި މަރުކަޒުތައް އެއް ވިއުގައަކުން ގުޅާލުމަށް މި ޕްލޭންގައި ހިމަނާފައިވާއިރު، މި ޚިދުމަތް ބައެއް އަތޮޅުތަކުގައި މިހާރު ވަނީ ފަށާފައެވެ. މި ވިއުގައަކީ ބަލިމީހާގެ ބައްޔާ ގުޅޭ ހުރިހާ ރިކޯޑްތައް ބެލެހެއްޓުމާއި، އަދި ހޮސްޕިޓަލާއި ގުޅޭ މަޢުލޫމާތުތައްވެސް ރަކާތެރިކުރެވޭ ނިޒާމެވެ.

މި ޕްލޭންގައި ރަށްރަށުގެ ސިއްޙީ ހާލަތު ރަނގަޅުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވެއެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް ގޭގެއަށް ޒިޔާރަތްކޮށް، ހެލްތް ޗެކަޕް ހެދުމާއި ހޭލުންތެރިކުރުމަށް ކޮމިއުނިޓީ ހެލްތް ވޯކަރުންގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ. އަދި ރަށު ފެންވަރުގައި ޕްރޮފެޝަނަލް ގިންތީގެ އަސާސީ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެންމެ މަދުވެގެން 200 ފަރާތް ތަމްރީން ކުރުންވެސް ހިމެނެއެވެ.

މީގެއިތުރުން ސިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއްގައި ތަމްރީން ލިބިފައިވާ ފޫޅުމައިންނާއި އެހެނިހެން އަސާސީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް މެދުވެރިކޮށް ވިހެއުމާއި ގުޅޭ އަސާސީ ޚިދުމަތްތައް ލިބޭނެގޮތް ހެދުންވެސް މި ޕްލޭންގައި ވަނީ ހިމަނާފައެވެ. އަދި މާލެ ނައިސް ބަލިތަކަށްޓެސްޓު ކުރުމަށް ސާމްޕަލް ނެގޭނެ އިންތިޒާމު ރާއްޖޭގެ 2 ސަރަޙައްދުގައި ހަމަޖެއްސުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.

މި ޚިދުމަތްތަކުގެ އިތުރުން ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ފެށުމާއި، އާސަންދަ މެދުވެރިކޮށް ނަފްސާނީ ބައްޔާއި ގުޅުންހުރި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އަސާސީ ބޭހުގެ އަގު 2018 އާއި އަޅާ ބަލާއިރު %33 ދަށްކުރުމަށްވެސް މި ޕްލޭންގައި ހިމަނާފައިވެއެވެ. އަދި ހިތުގެ ބަލިތަކާއި ނޭވާލާ ނިޒާމަށްޖެހޭ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު 2018ވަނަ އަހަރާއި އަޅާބަލާއިރު %15 މަދުކުރުމަށްވެސް ވަނީ ހިމަނާފައެވެ.

މި ސްޓްރެޓެޖިކް ޕްލޭންގައިވަނީ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ %75 މައްސަލަތައް ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ބެލޭނެ ނިޒާމެއް ޤާއިމުކުރުމަށްވެސް ހިމަނާފައެވެ. މި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ސިއްޙީ ދާއިރާއިން ޙާސިލްކުރަން ބޭނުންވާ ކަންކަން ކޮށް ނިމޭނެކަމަށް ސަރުކާރުން ވިދާޅުވެފައިވަނީ 2023ވަނަ އަހަރަށެވެ.