ސިޔާސީ

ޤުދުސަށް ޒިޔާރަތެއް ކުރެއްވުމުގެ ދަޢުވަތު ރައީސަށް އަރުވައިފި


ޤުދުސަށް ޒިޔާރަތެއް ކުރެއްވުމުގެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ދެއްވައިފިއެވެ.

މި ދަޢުވަތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ޚާއްޞަ މަންދޫބު، ޕްރެޒިޑެންޓް އެޑްވައިޒަރ ފޯ ރިލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަންސް، ސްޕްރީމް ޖަޖް އޮފް ޝަރީޢާ ކޯޓްސް، ޑރ. މަޙުމޫދު އަލް ހައްބާޝް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މި ޒިޔާރަތުގައި ޑރ. މަޙުމޫދު އަލް ހައްބާޝް ވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ޚާއްޞަ ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވާ، އެމަނިކުފާނަށް ފަސޭހަފުޅު ވަގުތެއްގައި ޤުދުސަށް ޒިޔާރަތެއް ކުރެއްވުމުގެ ދަޢުވަތު އަރުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޑރ. މަޙުމޫދު އަލް ހައްބާޝް ވަނީ ފަލަސްޠީނުގެ ރައީސްގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދިވެހިރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ހެޔޮއެދުންތައް ފަލަސްޠީނު ރައީސާއި ބޮޑުވަޒީރާއި ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ރައްދުކޮށްދެއްވުމަށް ޚާއްޞަ މަންދޫބުގެ ކިބައިން އެދި ވަޑައިގެންފައެވެ.

މި ބައްދަލު ކުރެއްވުމުގައި ޚާއްޞަ މަންދޫބު ޑރ. މަޙުމޫދު އަލް ހައްބާޝް ދެއްކެވި ވާހަކަފުޅުގައި ވަނީ ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އދގެ ޢާންމު މަޖިލީހުގައި ކުރެއްވި ތަޤްރީރުގައި، އިސްރާއީލުން ޕަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާނުތައް ކުށްވެރިކުރެއްވުމާއި ފަލަސްޠީނުގެ ވަކި ދަޢުލަތެއް ޤާއިމުކުރުމުގެ ވިސްނުމަށް ތާޢީދުކުރައްވާ ވާހަކަފުޅު ދައްކަވާފައި ވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ޕަލަސްޠީނާއި އިސްރާޢީލުގެ މައްސަލަ ޙައްލުކޮށް މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރެވޭނީ 1967 ގައި އދ އިން ކަނޑައަޅާފައިވާގޮތަށް ސަރަޙައްދީ އިން ވަކިކޮށް އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ހިމެނޭހެން ފަލަސްޠީނުގެ ދަޢުލަތެއްވެސް ޤާއިމު ކުރެވިގެންކަން ފާހަގަކުރައްވާފައެވެ.

ފަލަސްޠީނުގެ މަންދޫބުގެ ވާހަކަފުޅުގައި ފަލަސްޠީނު ދަޢުލަތެއް ޤާއިމު ކުރުމުގެ ވިސްނުމަކީ ބަދަލުނުވާނެ ވިސްނުމެއްކަމަށާއި އިސްރާޢީލާއެކު އޮންނަ ގުޅުން ރަނގަޅުވުން ވެސް ބިނާވެފައި ވަނީ މި އަސާސްގެ މައްޗަށްކަން ފާހަގަކުރައްވާފައެވެ. ފަލަސްޠީނުގެ މަންދޫބު ވަނީ ހިފާފައިވާ ޕަލަސްޠީނުގެ ބިންތަކުގައި ގެދޮރުބިނާކުރުމަށް އިސްރާޢީލުން މިހާރު ހިންގަމުންގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި މި ކަންތައްތަކަކީ ޕަލަސްޠީނުގެ ދަޢުލަތެއް ޤާއިމުކުރުމަށް އޮތް ހުރަހެއްކަން މަންދޫބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޕަލަސްޠީނުގެ ރައްޔިތުންނާއެކުކަމާއި ބައިނަލްއަޤްވާމީ މައިދާނުގައިވެސް ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރައްވާނެކަމުގެ ޔަޤީންކަން ފަލަސްޠީނުގެ މަންދޫބަށް ދެއްވާފައެވެ.