ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމަށް ކުރިއަށްގެންދާ ރަޖިސްޓްރީވުމުގެ ޕްރޮގްރާމް ގަލޮޅު ދަނޑަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީވުމަށް ކޮންމެ ދުވަހަކުވެސް 150 ދޫކޮށްގެން ހުޅުވާލި ފުރުސަތުގައި ގިނަ ޢަދަދެއްގެ ބިދޭސީން އަލުން ރަޖިސްޓްރީވުމަށް މަސައްކަތް ކުރަމުންދާކަމަމަށް އިކޮނޮމިކް މިނިސްޓްރީން ވިދަޅުވެއެވެ. އެގޮތުން މަޖީދީމަގުގައި ކުރިން ޕީޖީ އޮފީސް ހިންގި ޢިމާރާތުގެ ބައެއްގައި ހަދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށަށް، ގިނަ ޢަދަދެއްގެ ބިދޭސީން ކޮންމެ ދުވަހަކުވެސް ޖަމާވެ ދިގު ކިއުއެއް ކޮންމެ ދުވަހަކު ހަދަމުން އައިސްފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ގިނަ ޢަދަދެއްގެ ބިދޭސީން އެއްފަހަރާ ރަޖިސްޓްރީވުމަށް އެ މިނިސްޓްރީއަށް ޖަމާވަމުންދަނީ އެކަށީގެންވާ މައުލޫމާތު ނުލިބުމުންކަމަށެވެ. އަދި އެތައް ގަޑިއރަކު ބޭރުގައި ކިއުގައި ކޮޅަށް ތިބޭތީ އެކަމަށް ޙައްލެއް ގެނައުމަށްޓަކައި ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވަނީ ގަލޮޅު ދަނޑު ބައްލަވާލައްވާ އެތަނަށް ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ބަދަލުކުރުމަށް ނިންމަވާފައެވެ.
ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީ ވާން ސަރުކާރުން ދިނީ ހަމަސް ދުވަހުގެ މުއްދަތެކެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއް ނަމަ، އަލުން ރަޖިސްޓްރީކުރަން އެ ކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށައެޅޭނެއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތުގެ ނަތީޖާ އެއް އަހަރު ދުވަހުގެ ތެރޭގައި ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. މިހާރުވެސް ރާއްޖޭގައި ވާކް ޕާމިޓްގައި އުޅޭ ބަންގްލަދޭޝްގެ އެއްލައްކަ ތިރީސް ހާހެއްހައި މީހުން އުޅެމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި މީގެތެރެއިން ފަސްދޮޅަސް ތިންހާސް މީހުންނަކީ ޤަވާޢިދުތަކަށް ނުފެތޭ މީހުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.