ޤާނޫނާއި ޤަވާއިދާ ޙިލާފަށްކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ޔޫރަޕިއަން ޔޫނިއަންއިން ބަލައިގަނެފިއެވެ.
ޔޫރަޕިއަން ޔޫނިއަންއިން މިކަން ބަލައިގަނެފައިވަނީ ޔޫރަޕިއަން ޔޫނިއަންއަށް މަސް އެކްސްޕޯޓްކުރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ކުރުމަށް ލާޒިމްކުރާ ކަންކަމާއި ގުޅޭގޮތުން އަދި އެފަދަ މަސްވެރިކަން ހުއްޓުވުމަށް ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައެވެ. ބްރަސަލްސްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދުއެވެ.
މިފަދަ މަސްވެރިކަން ހުއްޓުވުލުގައި އެންމެ މުޙިއްމު ދައުރެއް އަދާކުރަނީ ޤައުމުތަކުގެ ޤާނޫނުތައް ކަމަށް އެ ޔޫނިއަނުން ވަނީ ފާހަގަކޮށްފައެވެ. މިފަދަ މައްސަލަތަކަށް ޙައްލު ހޯދުމަށް ބޭނުންވާ ގިނަ ކަންކަން ހިމަނައިގެން މަސްވެރިކަމާއި ބެހޭ ބިލު ރާއްޖޭގައި ފާސްކޮށްފައިވާތީ އެކަން އެ ޔޫނިއަނުން ވަނީ ފާހަގަކޮށްފައެވެ. ދިވެހިރާއްޖޭގައި ކުރަމުންދިޔަ ލޭނު މަސްވެރިކަމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ އިންޑިއާ ކަނޑުގައި ހިނގާ ޤާނޫނާއި ޤަވާއިދާ ޚިލާފު މަސްވެރިކަން ހުއްޓުވުމަށް ލިބިގެންދާނެ ކުރިއެރުމެއްކަންވެސް އީޔޫއިން ފާހަގަކޮށްފައިވެއެވެ.
މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ މަހާއި މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގަމުންދާ ޑިއުޓީ ކަނޑާލުމަށް މިނިސްޓަރ ޒަހާ ވަނީ އެދިވަޑައިގަންނަވާފައެވެ.
ޔޫރަޕިއަން ޔޫނިއަންގެ ކަމާބެހޭ އިދާރާތަކާއެކު ބޭއްވުނު ބައްދަލްވުންތަކުގައި މިނިސްޓަރ ޒަހާ ވަހީދުގެ އިތުރުން އެ މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ މިޝަންގެ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.