ޚަބަރު

4 އަހަރު ކުރިން ޓޯކޮށްފައިހުރި ބައެއް ވެހިކަލްތައް ނައްތާލައިފި


އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެދަށަށް މީގެ ހަތަރު އަހަރު ކުރިން ޓޯކޮށްގެން ގެނެސްފައިހުރި ބައެއް ވެހިކަލްތައް ނައްތާލައިފިއެވެ.އެއްނަންބަރު ކުނިކޮށީގައި މިއަދު ނައްތާލައިފައިވަނީ 26 ސައިކަލާއި ހަތަރުފުރޮޅުލީ 8 ވެހިކަލެވެ.ޓޯކުރާ މިފަދަ ވެހިކަލްތައް ނައްތާލުމަށް އެކުލަވާލައިފައިވާ ކޮމެޓީގެ ފަރާތުން ވާހަކަ ދައްކަވަމުން ޓްރެފިކް ޑިޕާޓްމެންޓްގެ ހެޑް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ މިއަދު މި ނައްތާލެވުނީ ވަރަށް މަދު އަދަދެއްގެ ވެހިކަލްތައް ކަމަށާއި ގާނޫނާ ހިލާފުވެގެން ގެނެސްފައިވާ އިތުރު ވެހިކަލްތައް ކައިރި މުސްތަގުބަލެއްގައި ނައްތާލާނެ ކަމަށެވެ.ގާނޫނާއި ހިލާފުވެގެން ޓޯކޮށްފައިވާ ވެހިކަލްތަކާއި މަގުމަތީގައި ބާރު ސްޕީޑްގައި ދުއްވައިގެން ޓޯކޮށްފައިވާ ވެހިކަލްތައް ވެސް ޓޯޔާޑްގައި ގިނަ އަދަދަކަށް ހުރުމުން ކައިރި މުސްތަގުބަލެއްގައި އެ ވެހިކަލްތައްވެސް ނައްތާލާނެ ކަމަށް ދާއޫދު ވިދާޅުވިއެވެ.ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވީ މިއަދު ނައްތާލެވުނު ވެހިކަލްތަކަކީ ވެރިފަރާތުން ހަވާލުނުވެ ގިނަ ދުވަސްވެފައިވާ ވެހިކަލްތަކެއް ކަމަށާއި މަގުމަތި ބާރު ބޮޑުވަމުންދާއިރު މިފަދަ ވެހިކަލްތައް ނައްތާލުމަކީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށެވެ.ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ ފަސްދޮޅަސްއެއް އުޅަނދު މިހާރުވެސް އެބަހުރި ކަމަށް ހަސަން ޒަރީރު ވިދާޅުވިއެވެ.