ޚަބަރު

އެންމެ ބޮޑު ބަދަލެއް އަންނަންޖެހޭނީ ޖަލު އޮފިސަރުންގެ ވިސްނުމަށް – މިނިސްޓަރ އިމްރާން


ޖަލުތައް ބެލެހެއްޓުމުގައި ޢަމަލުކުރުމަށް ސަރުކާރުން ޤަބޫލުކުރާ ފަލްސަފާއާއި ތަސައްވުރެއް އެބަ އޮތްކަމަށާއި އެފަދަ ތަނަކަށް ޖަލު ހެދުމަށް އެންމެބޮޑު ބަދަލެއް އަންނަން ޖެހޭނީ ޖަލު އޮފިސަރުންގެ ވިސްނުމަށް ކަަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުއްﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ 48ވަނަ އަހަރީ ޖަލްސާ ބޭއްވުމަށް މާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އޮފިސަރުންގެ ވިސްނުމަށް ބަދަލުއައިސްގެން ނޫނީ މިކަން ވާންނެތްކަަމަށާއި ސަރުކާރުގެ ސިޔާސަތު ކިތަންމެ ރަނގަޅަށް އޮތަސް އެކަން ތަންފީޒުކުރަން ތިބި ބަޔަކީ އޮފިސަރުން ކަމަށެވެ.

އެގޮތުން ޖަލުގައި ތިބޭ މީހުންނާއި ދޭތެރޭ ދެކޭގޮތް ބަދަލުކޮށް އެމީހާ އަލުން އިސްލާހުވެފައިވާ ބައެއްގެގޮތުގައި އަނބުރައި މުޖުތަމަޢަށް ނެރުމަށްޓަކައި ޖަލު އޮފިސަރުންގެ ޒިންމާ ބޮޑު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިސަންސް ޢަބްދުއްﷲ މުނާޒް ވިދާޅުވީ ކޮންމެ އޮފިސަރަކުންވެސް އިޚްލާސްތެރިކަމާއެކު މަސައްކަތްކުރުން ގާނޫނުވެސް ލާޒިމްކުރާ ކަމަށާއި އެއަށް އަމަލުކުރަންޖެހޭނެކަމަށެވެ. އެެގޮތުން މަސައްކަތް ކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމަށް މުނާޒް ގޮވާލެއްވިއެވެ. މުނާޒް ވިދާޅުވީ އަވަސް މުސްތަގުބަލެއްގައި އެ އިދާރާއަކީ ރައްޔިތުންނާއި އޮފިސަރުން ބަލައިގަންނަ މުވައްސަސާއަކަށް ވެގެންދާނެކަމަަށެވެ.

އެމްސީއެސް އަށް 48 އަހަރު ފުރުމަށްބޭއްވި މުނާސަބާގައި އެ މުއައްސަސާގައި 20 އަހަރަށްވުރެ ގިނަދުވަހު މަސައްކަތްކޮށްފައިވާ 25 މީހަކަށް ހަނދާނީ ފިލާ ދީފައިވެއެވެ. އަދި އެކި ގޮތްގޮތުން މަގާމުގެ ކުރިއެރުން ލިބުނު 98 ފަރާތަކަށް ވަނީ މަގާމު ހަވާލުކޮށްފައެވެ.