ބެއިޖިންގައި ބާއްވާ އިންވެސްޓްމެންޓް ފޯރަމް ބާއްވަނީ 'އެއްކޮށްހެން' ޗައިނާގެ ހިލޭ އެހީގައި ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.މީޑިއާ މައުލޫމާތުދެއްވަމުންރައީސް އޮފީހުގެ މިނިސްޓަރ ވިދާޅުވީ، މި ފަހަރުގެ ފޯރަމަށް ޗައިނާގެ ސަރުކާރުގެ ބޮޑު އެހީތެރިކަމެއްދެއްވާނެކަމަށް ޗައިނާ ސަރުކާރުން ވިދާޅުވެފައިވާކަމުގައެވެ. އެގޮތުން މި ފަހަރުގެ އިންވެސްޓާސް ފޯރަމްގެ އިވެންޓް އޯގަނައިޒް ކުރުގެ ޚަރަދާ އަދި އެހެނިހެން ހަރަދުތައްވެސް ޗައިނާއިން ދިނުމަށް ވާހަކަދެކެވިފައިވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވާގޮތަށް ކުރިން ހަމަޖައްސާފައި އޮތީ ޝެންހާއީގައި ނަމަވެސް ޗައިނާގެ އެދުމުގެ މަތިން މިހާރު ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި އިންވެސްޓްމެންޓް ފޯރަމް ބާއްވާގޮތަށް ހަމަޖައްސާފައެވެ.ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، އެގޮތަށް ބަދަލުކޮށްފައި ވަނީ ޗައިނާގެ ބޮޑެތި ކުންފުނިތަކާއި ޗައިނާ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ މައި އޮފީސް ހުންނަނީ ބެއިޖިންގައި ކަމަށްވާތީ އިންވެސްޓްމަންޓް ފޯރަމަށް ލިބޭ ތަރުހީބު ބޮޑުވާނީ އެތަނުގައި ބޭއްވުމުން ކަމަށް ޗައިނާގެ ސަރުކާރުން ބުނުމުންކަމުގައެވެ.ރާއްޖޭގައި މިހާރުވެސް މަސައްކަތްކުރާ ޗައިނާ ކުންފުނިތަކުން ރާއްޖޭގައި އިތުރު މަސައްކަތްތަކެއް ކުރަން ޝައުގުވެރިވާކަމަށް ރައީސް އޮފީހުގެ މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ހުޅުމާލޭ ދެވަނަ ފޭސްގައި ހައުސިން މަސައްކަތާއި އައިހެވަން ޕްރޮޖެކްޓަށް އިންޓްރެސްޓް އެބަހުރިކަން އެކުންފުނިތަކުން ފާޅުކޮށްފައިވާކަމަށް ވިދާޅުވިއެވެ.ބެއިޖިންގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި ރާއްޖޭން އިންވެސްޓަރުންނަށްދޭ ރައްކާތެރިކަމާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ބާއްވާ ފޯރަމެކެވެ.ފާއިތުވި އަހަރު އިންވެސްޓްމެންޓް ފޯރަމް ބާއްވާފައި ވަނީ ސިންގަޕޫރުގައެވެ.