ޚަބަރު

މިވާގޮތް އެނގޭތަ؟ މީ އަޖައިބެއް ނޫން!


އިއްޔެ ހަވީރު މީސް މީޑިއާގައި ދައުރުވާން ފަށާފައިވާ "ފަނެއް ވައިގެ ތެރޭގައި" އެއްވެސް ތާކު ނުޖެހި ހިފެހެއްޓިފައިވާތަން ފެންނަ ވީޑިއޯއަކީ އެއްވެސް ޙާލެއްގައި އާދަޔާ ޚިލާފު ނުވަތަ އަޖައިބު ކުރުވަނިކަމެއް ނޫނެވެ.

އެއީ ހަމައެކަނި އޭގެ އަސްލު ހަޤީގަތް ނޭނގޭ ބަޔަކަށް ހީވާ ހީވުމެކެވެ. ޚާއްސަކޮށް މިމަންޒަރު ފެންނަ ވީޑިއޯ ބެލި މީހުންނަށް މިކަމުގެ އަސްލު ހަޤީހަތް ނޭނގުމަކީ ވެދާނެކަމެކެވެ. ސަބަބަކީ ވީޑިއޯއިން ފެންނަ ފެނުމަށް އެ ފަން އޮއޮތީ ވައިގެތެރޭގައި ހިފެހެއްޓިފައިކަމަށް ވަރަށްބޮޑަށް ހީވެދާނެތީއެވެ.

މި ފަން ނެއްޓުނު ރުކުގައި ފަން އެލިފައި އޮއްވާ އިއްޔެ ހަވީރު އަޅުގަނޑު ދުށީމެވެ. އޭރު އޮތީ ރުކާ ވަކިނުވެ ރުކުގައި އެލިފައެވެ. އެއީ ޢާންމުކޮށް އަޅުގަނޑު ސައިކަލު ދުއްވާ މަގުކަމުން މިއީ ކޮންމެދުވަހަކު ފެންނަ ޢާއްމު މަންޒަރުތަކުގެ ތެރެއިން މަންޒަރެކެވެ. އޭރު އަޅުގަނޑުގެ މާބޮޑު ސަމާލުކަމަކަށް މިކަމެއް ނުވެސް އާދެއެވެ.

އެހެންނަމަވެސް މިވީޑިއޯ ދައުރުވާން ފެށުމާއެކު، އެއީ ވަރަށްބޮޑު "އަޖައިބަކަށް" ހަދައިގެން ބަޔަކު އެކި ގޮތްގޮތަށް އެވާހަކަ ފަތުރަމުންދާތީ ހަޤީގަތް ހާމަކޮށްލަން ބޭނުންވީއެވެ.

މި ވީޑިއޯއިން ފެންނަގޮތުން ގަދަ ވަޔާއެކު ފަނެއް ދެރުކެއްގެ ދޭތެރޭގައި މަތީގައި ވަޔާހެލޭތަން ފެނެއެވެ.
ބ.އޭދަފުށީގެ މިމަންޒަރު ވީޑިއޯއިން ފެންނަގޮތުން ހަޤީގަތުގައިވެސް އަޖައިބެއްހެންވެސް ހިވެދާނެއެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ވައިގެ ތެރޭގައި އެފަދަ ގޮތަކަށް އެއްޗެއް ހިފެހެއްޓިފައި އޮތުމަކީ، އެކަށީގެންވާ ކަމެކެވެ. އަދި އެނބުރޭ ވައިރޯޅީގައި އެއްޗެއްގައި ޖެހިއްޖެނަމަ އެއެއްޗެއް، އެ ވައިގަނޑުގެ ބާރުމިން ކެނޑެންދެން ވައިގެ ތެރޭގައި ހިފަހައްޓާލާ ކަމަށް އެ މީހުން ބުނެއެވެ. އެކަމަކު މީ އެފަދަ ކަމެއްނޫނެވެ.

މިއީ ގުޑި ނުވަތަ މަޑި އެއްލަން ބޭނުންކުރާ އަޅި ކުލައިގެ ރޮޖެއް އެފަނުގެ މެދެއްހާ ހިސާބުގައި އޮޅި އޭގެ އަނެއްކޮޅު ރުކުގައި ހަރުވެފައި އޮތުމުން ވެގެން އުޅޭ ގޮތެކެވެ. އިއްޔެ ހަވީރު އޭދަފުއްޓަށް އައި ކޮޅިގަނޑެއްގައި ގަދަ ވަޔާއެކު މި ހިކިފަން ރުކުން ނެޓުމާއެކު މިދެންނެވި ރޮދީގެ ބާރުގައި ވައިގެ ތެރޭގައި ހިފެހެއްޓިފައި އޮތީއެވެ.

މިސަރަޙައްދަކީ އާންމުކޮށް އޭދަފުށީގައި މީހުން މަޑިއެއްލަން ދާ ސަރަޙައްދެކެވެ. މަޑި ކަނޑައިގެން ގޮސް އޭގެ ރޮއްޖާއި ކަންވާރުފަދަ ތަކެތި ވަރަށްގިނަ ރުއްރުކާއި ގަސްގަހުގައި ހަރުރާލާފައި ހުރެއެވެ. އޭގެތެރޭގައި ފަނެއްފަދަ އެއްޗެއް ހިފެހެއްޓޭފަދަ ވަރުގަދަ ރޮދި ހިމެނެއެވެ.

މި ވީޑިއޯ މީސް މީޑިއާގައި ދައުރުވާން ފެށުމުން ފަންހޯދަން އަޅުގަނޑު ފަހުންމަސައްކަތް ކުރީމެވެ. އެހެންނަމަވެސް އެފަން މިހާރަކު އެތަނުގައި ނެތެވެ. ވެއްޓުނީމަ ބަޔަކު ނެގީކަމަށްވެސް ވެދާނެއެވެ.