މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ދަށްވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ ކުއަރޓާލީ އިކޮނޮމިކް ބުލެޓިން އިން ދައްކާގޮތުން މިދިޔަ އަހަރުގެ ފަހު ކުއަރޓާގައި ޤައުމީ އުފެއްދުންތެރިކަމުގެ ދުވެހި ހުރީ ހަތަރެއް %4.7 ގައެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި މިޢަދަދު ވަނީ %3.1 ދަށްވެފައެވެ.
އެމްއެމްއޭގެ އިކޮނޮމިކް ބުލެޓިންއިން ދައްކާގޮތުން ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ދަށްވެފައިވަނީ އިޤްތިޞާދުގެ ބައެއް ސިނާއަތްތައް މަޑުޖެހިފައިވުމުގެ ސަބަބުންނެވެ.
މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ރާއްޖޭގެ އިޤްތިޞާދުގައި ޙިއްސާކުރާ މައިގަނޑު ސިނާއަތްތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ.
އެގޮތުން މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތް %27.9 ހިއްސާކުރެއެވެ. ޓްރާންސްޕޯޓް އަދި ކޮމިއުނިކޭޝަންގެ ސިނާއަތް %13.1 އަދި ހޯލްސޭލްއާއި ރީޓެއިލް ސިނާއަތް %8.2 ހިއްސާކުރެއެވެ. ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން %6.7 ހިއްސާކުރާކަމަށް އެމްއެމްއޭގެ އިކޮނޮމިކް ބުލެޓިންއިން ދައްކައެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޖީޑީޕީ ދަށްވި ސަބަބެއް ކަމުގައި އެމްއެމްއޭއިން ވިދާޅުވެފައިވަނީ ޢިމާރާތްކުރުމުގެ ދާއިރާއާއި ހޯލްސޭލް އަދި ރީޓެއިލްގެ ދާއިރާ މަޑުޖެހުމެވެ.
ޢިމާރާތްކުރުމުގެ ދާއިރާ މަޑުޖެހިފައިވަނީ ޢިމާރާތްކުރުމުގެ ދާއިރާގައި ހިނގަމުންދިޔަ ބޮޑެތި ޕްރޮޖެކްޓްތައް 2018ވަނަ އަހަރުގެ ފަހު ކުއަރޓަރުގައި ނިމިފައިވުމުގެ ސަބަބުން މިދާއިރާއަށް ބޭނުންވާ ތަކެތި އިންޕޯޓްކޮށްފައިވާ މިންވަރު ދަށްވުމުންނެވެ. 2018ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ތަކެތި އިންޕޯޓްކުރި މިންވަރު ވަނީ %19 ދަށްވެފައެވެ. އަދި މިދިޔަ އަހަރުގެ ފަހު ކުއަރޓަރއިން ފެށިގެން ޢިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ތަކެތި އިންޕޯޓްކުރުން ވަނީ މަޑުޖެހިފައެވެ.
މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި އެންމެ އަވަހަށް ކުރިއަރާފައިވަނީ މަސްވެރިކަމުގެ ސިނާއަތެވެ. އެއީ %16.9 އެވެ. މިދިޔަ އަހަރުގެ ފަހު ކުއަރޓާގައި މި ސިނާއަތް ކުރިއަރާފައިވަނީ %11.8 އެވެ.