ޚަބަރު

މަސްތުވާތަކެތީގެ ވަބާއަކީ އިޖުތިމާޢީ މައްސަލަތަކާއި ކުށްތައް އިތުރުވާ ސަބަބެއް- ޝިދާތާ


މަސްތުވާތަކެތީގެ ވަބާއަކީ އިޖުތިމާޢީ މައްސަލަތަކާއި ކުށްތައް އިތުރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ސަބަބެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ސަބަބުން މުޖުތަމަޢު ބިނާކުރުމުގައި ޒުވާނުންގެ ޙިއްޞާގައި ހުސްކަމެއް އުފެދިފައިވާ ކަމަށާއި، އަދި މި ހުސްކަން ފިލައިގެން ދާނީ މި ވަބާގައި ޖެހިފައިވާ ޒުވާނުނަށް ބޭނުންވާ ރިހެބިލިޓޭޝަން ފަރުވާ ދެވި، އަލުން މުޖުތަމަޢުއަށް ނެރެވިގެން ކަމަށެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީސީ)ގެ ފަރާތުން މިއަދުން ފެށިގެން މި މަހުގެ 27ށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށްގެންދާ "ސައުތު އޭޝިއަން ބޫސްޓަރ ޓްރޭނިންގ އޮން ދަ ޔޫ.އެން.އޯ.ޑީ.ސީ ފެމިލީ ތެރަޕީ ޕެކޭޖް ފޮރ ޔޫތް ވިތް ޑްރަގް ޔޫސް ޑިސްއޯޑަރސް އެންޑް ދެއަރ ފެމިލީސް" ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ޒުވާނުންގެ ޢާންމު ޞިއްޙަތަށް ބޮޑު އަސަރެއް ފޯރާ ކަމަށެވެ. އެ ގޮތުން ޖިސްމާނީ ހެދިބޮޑުވުމާއި، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮ ކަމަށް ނުރަނގަޅު އަސަރު ކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ރިހެބިލިޓޭޝަން ފަރުވާއަށް ޚާއްޞަ އިސްކަމެއް ދެއްވިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ 3 ސަރަޙައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ހުޅުވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ މި ފަދަ ސެންޓަރުތައް ހިންގުމުގެ ހުއްދަ ޕްރައިވެޓް ސެކްޓަރއަށް ވެސް ހުޅުވައިލުން ކަމަށާއި، އެ ކަމުގެ ސަބަބުން މިހާރު ފަރުވާ ހޯދުމަށް އެދިފައިވާ އެތައް ފަރާތެއްގެ މައްސަލައަށް ޙައްލު ލިބިގެން ދާނެ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.