ވިޔަފާރި

މިދިޔަ އަހަރު ސްޓެލްކޯއަށް ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ!


2018 ވަނަ އަހަރު ސްޓެލްކޯއަށް ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ސްޓެލްކޯގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ 2017 ވަނަ އަހަރާއި އަޅާބަލާއިރު ސްޓެލްކޯގެ އާމްދަނި 4 އިންސައްތައަށް އިތުރުވެފައިވާކަމަށެވެ. އަދި ޚަރަދަށް ކެނޑުމަށްފަހު ސްޓެލްކޯއަށް ފައިދާގެ ގޮތުގައި 110 މިލިއަން ލިބުނު ކަމަށް މުޣުނީ ވިދާޅުވިއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 20 އިންސައްތައިގެ ކުރިއެރުމެކެވެ.

"2018 ވަނަ އަހަރު ސްޓެލްކޯގެ އާމްދަނީ ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު 4 އިންސައްތަ އިތުރުވެފައި. ޚަރަދުތައް ގާތްގަނޑަކަށް 3 އިންސައްތައަށް އިތުރުވެފައިވޭ. އަދި ޕްރޮފިޓް މިދިޔަ އަހަރާއި އަޅާބަލާއިރު 20 އިންސައްތައަށް އިތުރުވެފައިވޭ. ކުންފުންޏަށް ފައިދާގެ ގޮތުގައި 71 މިލިއަން. އަދި ނެޓް ޕްރޮފިޓްއަށް 110 މިލިއަންއަށް އަރާ. " ހަސަން މުޣުނީ ވިދާޅުވިއެވެ.

މިދިޔަ އަހަރު ސްޓެލްކޯގެ އާމްދަނީ އިތުރުވެ ކުންފުންޏަށް ފައިދާވެފައިވާއިރު ކުންފުނީގެ ޚަރަދު 3 އިންސައްތައަށް ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް މިއަހަރު ކުންފުނިން ހިނގައިފައިވާ ޚަރަދަށް ވުރެ އާމްދަނީ އިތުރުވެފައިވާކަމަށް މުޣުނީ ވިދާޅުވިއެވެ.

"2014 ގައި އާމްދަނީއަށް ވުރެ ޚަރަދު އިތުރު. އެހެންކަމުން ވޭތުވެދިޔަ އަހަރުތަކުގައި ޚަރަދުތައް ކުޑަކުރާނެ ގޮތްތައް ހޯދައި 2017 އަދި 2018 ވަނަ އަހަރު ކުންފުނީގެ އާމްދަނީ ވަނީ ޚަރަދުތަކަށް ވުރެ އިތުރުވެފައި." ހަސަން މުޣުނީ ވިދާޅުވިއެވެ.

މިދިޔަ އަހަރު ސްޓެލްކޯއިން ބޮޑު 2 ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާފައިވެއެވެ. އެއީ 79 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ ފިފްތު ޕަވަރ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް އަދި 44 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މާލެއާއި ހުޅުމާލެ ކަރަންޓުން ގުޅާލުމުގެ ޕްރޮޖެކްޓެވެ.

މުޣުނީ ވިދާޅުވީ ފިފްތް ޕަވަރ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން 50 މެގަވޮޓްގެ ކެޕޭސިޓީ ހުޅުމާލޭގައި ޤާއިމްކޮށް ޚިދުމަތްދޭން ފަށާފައިވާކަމަށެވެ. އަދި މާލެއާއި ހުޅުމާލެއާއި ކަރަންޓުން ގުޅާލުމާއެކު ގްރޭޓަރ މާލޭ ސަރަޙައްދު އިންޓަރ ކަނެކްޝަން ކޭބަލަކުން ގުޅާލެވިގެންދާނެކަމަށެވެ.

ސްޓެލްކޯގެ 2 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވާފައިވާއިރު މި ޖަލްސާގެ ތެރެއިން ސްޓެލްކޯގެ އަހަރީ އާންމު ރިޕޯޓް ވަނީ އާންމުކޮށްފައެވެ.