ރައީސުލްޖުމްހޫރިޔާ އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް ޗައިނާއަށް ފެއްޓެވި ދަތުރުފުޅުގައި މާލެ-ހުޅުލެ ބްރިޖުގެ ސާވޭއާ ބެހޭ އިތުރު އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ ޗައިނާގެ ކުންމިންގް ގައި އޮންނަ ޗައިނާ-ދެކުނު އޭޝިއާ 3 ވަނަ އެކްސްޕޮސިޝަންގައި ބައިވެރިވުމަށް ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.މިނިސްޓަރ ވިދާޅުވީ މިދަތުރުފުޅުގައި ސޮއި މިކުރެވޭ އެއްބަސްވުމާއިއެކު ބްރިޖް އެޅުމުގެ ސާރވޭގެ ހުރިހާ މަސައްކަތެއް ހިލޭއެހީއަށް ބަދަލުވެގެންދާނެކަމަށެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ބްރިޖު ފައިނޭންސްގެ މަސައްކަތް ފެށޭނެ ކަމަށާއި ބްރިޖު ފައިނޭންސްގެ ބޮޑު ބައަކީވެސް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރެވޭނެކަމެއްކަމަށް ވިދާޅުވިއެވެ. އަދި ބާކީ ބައި ވެގެންދާނީ މިކްސް ލޯނެއްގެ ގޮތުގަ ނެގޭ ލޯނަކަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ރައީސުލް ޖުމްހޫރިއްޔާ ޗައިނާއަށް މިކުރައްވާ ދަތުރުފުޅަކީ ޗައިނާގެ ކުމްބިންގައި ބާއްވާ ވިޔަފާރީގެ މުހިންމު ދެ ފެއާ ކަމަށްވާ، "ޗައިނާ-ސައުތު އޭޝިޔާ އެކްސްޕޮޒިޝަން" ބައްދަލުވުމާއި "ކުންމިން ފެއާ" ޝަރަފުވެރި ކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާއަށް މިދައުވަތު ދެއްވާފައިވަނީ ޗައިނާގެ ރައީސްއެވެ.ޗައިނާގެ ރައީސްގެ ގިނަ މެސެޖްތައް ހިއްޕަވައިގެން މިފެއަރ ވަޑައިގަންނަވަނީ ޗައިނާގެ ނައިބު ރައީސް ލީ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ.ޗައިނާގެ ނައިބް ރައީސްއާއި ރައީސުލްޖުމްހޫރިއްޔާ މިއަދު ބާއްވާ ބައްދަލުވުމުގެ ތެރޭގައި ވަރަށް ގިނަ މުހިންމު މަޝްރޫއުތަކާ މެދު ރަސްމީ ސިފައެއްގައި ވާހަކަތައް ދެކެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ޗައިނާއިން ރާއްޖޭގައި މި ކުރާ އިންވެސްޓްމަންޓްތަކަށް އިތުރު ބާރެއް ލިބިގެން ދާނެކަމަށްވެސް ވިދާޅުވިއެވެ.