ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ޅ.ނައިފަރު ސްކޫލު ގޯތި ތެރޭ ހިޔާ ކޮށްފައިވާ ސަރަހައްދެއް ގާއިމްކޮށްފިއެވެ.
މި ސަރަހައްދު މިހާރު ވަނީ ސްކޫލު ކުދިންނާއި ބެލެނިވެރިން ބޭނުންކުރަން ފަށާފައެވެ.
މި ޕްރޮޖެކްޓާއި ގުޅެގޮތުން މައުލޫމާތުދެމުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، ކޮމިއުނިޓީ ފަންޑަކީ ވަރަށް ގިނަ ފަރާތަކެއްގެ ހުވަފެން ހަގީގަތަކަށް ހަދައިދިން ޕްރޮޖެކްޓެއްކަމަށެވެ. އެ ބެންކުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަން ބޭނުންވާ މިފަދަ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރަމުންދާ މަސައްކަތްތައް އިތުރު ކުރުންކަމަށް ސައީދު ވިދާޅުވިއެވެ.
2018 ވަނަ އަހަރު "އަހަރެންގެ ބޭންކް" ޕްރޮގުރާމްގައި ބީއެމްއެލްއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކެކެވެ.
މި ޕްރޮގުރާމްގެ ދަށުން މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ބީއެމްއެލްއިން ވަނީ ކަނޑައަޅާފައެވެ.