ޚަބަރު

ކެންސަރަށްދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި


ރާއްޖޭގައި ކެންސަރު ބައްޔަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރާއެކު މިނިސްޓްރީ އޮފް ހެލްތުން އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

މިއަދު އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންއާއި، ކެރެލާސްޓޭޓްގެ ޗީފް މިނިސްޓަރ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ މި އެއްބަސްވުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރަކީ ކެންސަރ ބައްޔަށް ފަރުވާދިނުމުގައި ވަރަށް ފުންނާބުއުސް އަދި ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ އިންސްޓިޓިއުޓްއެކެވެ. މި ސެނޓަރުން ދެވޭ ޙިދުމަތްތަކުގެ ތެރޭގައި މިބަލި ދެނެގަނެ އެންމެ އެކަށޭނަ ފަރުވާދިނުމުގެ އިތުރުން މި ބަލިން ރައްކާތެރިވުމަށް ޢާންމުން ހޭލުންތެރިކުރުމާއި ރީހެބްލިޓޭޓް ކުރުން ހިމެނެއެވެ.

އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރާއެކު ހެލްތް މިނިސްޓްރީން ސޮއިކުރި އެއްބަސްވުމުގެ ދަށުން ދިވެހި ރާއްޖޭގައި ދެވޭ ކެންސަރު ބަލީގެ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި އެ ސެންޓަރުގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި މިދާއިރާއިން މީހުން ބިނާކުރުމަށްވެސް އެހީތެރިކަން ލިބިގެންދާނެއެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިން ތަމްރީނު ކުރުމަށް އެ ސެންޓަރުގެ އެހީ ލިބޭނެއެވެ.