 
										
			މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭ ރިހެބިލިޓޭޝަން ސެންޓަރުތައް އުފައްދާ ހިންގުމުގެ ފުރުޞަތު މިއަހަރުގެ ތެރޭގައި އަމިއްލަ ފަރާތްތަކަށް ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރައްވާފައިވަނީ މިއަދު ކުރިއަށްދާ ނެޝަނަލް ޑްރަގް އެޖެންސީގެ އޯޕަން ޑޭ 2019 ގައި ބައިވެރިވެވަޑައިގެން ދެއްކެވިވާހަކަފުޅުގައެެވެ. 
ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތިުވާތަކެތީގެ ވިޔަފާރި ހުއްޓުވާ، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ފަރުވާދީގެން އަލުން އަނބުރާ މުޖްތަމަޢަށް ނެރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވާކަމެއްކަމަށެވެ. 
އެގޮތުން މަސްތުވާތެކެތީގެ ވަބާއިން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކުގައި މުޅި މުޖްތަމަޢު ބައިވެރިކުރުމަކީ މުހިއްމުކަމެއްކަމަށާއި، އޭގެ ސަބަބުން މިދާއިރާއިން ނެރެން ބޭނުންވާ ނަތީޖާއާ ހަމައަށް ވާސިލުވުން އަވަސްވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ތެރެއިން އަމިއްލައަށް އެދިގެން އެކަމުން ސަލާމަތްވާން ބޭނުވެފައިތިބި މީހުންގެ ލިސްޓުގައި މިހާރުވެސް 800 އަށްވުރެ ގިނަ މީހުންތިބިއިރު، އެމީހުންނަށް ވީހާ އަވަހަކަށް ފަރުވާދިނުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. އަދި  އެފަދަ މީހުންނަށް ފަރުވާދިނުމުގެ ކަންކަން ހަމައެކަނި ސަރުކާރުން ކުރުމަށްވުރެ އަމިއްލަ ފަރާތްތައް އެފުރުޞަތު ހުޅުވާލުމުން ބޭނުންވާ ނަތީޖާ ހާސިލުކުރަން ފަސޭހަވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 
"މިފަދަ ފަރާތްތަކަށް ފަރުވާދޭ ތަންތަން ހިންގުމަކީ ސަރުކާރުން އެކަނިކުރާ ކަމެއްގެ ގޮތުގައި އޮތުމަށްވުރެ އަމިއްލަ ފަރާތްތަކަށްވެސް އެފުރުޞަތު ހުޅުވާލުމަކީ އަޅުގަނޑުމެން މިބޭނުންވާ ނަތީޖާ ހާސިލުކުރުމަށް މަގުފަހިވާނެކަމެއް. މި މަސައްކަތުގައި އަމިއްލަ ފަރާތްތައް ބައިވެރިކުރުމައްޓަކައި މަސްތުވާތަކެތީގެ ވަބާގައިޖެހޭ މީހުންނަށް ފަރުވާ ރިހެބިލިޓޭޝަން ސެންޓަރުތައް އުފައްދާ، އަމިއްލަ ފަރާތްތަކުން ހިންގުމަށް  މިއަހަރުގެ ތެރޭގައި ހުޅުވާލާނެވާހަކަވެސް މިފުރުސަތުގައި ދަންނަވާލަން" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަސްތުވާތަކެތީގެ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދުގެ މުއްދަތުގައި، ނުވަތަ ތަހުޤީޤީ މަރުހަލާގައި އެފަރާތްތަކަށް ލިބެންޖެހޭ އަސާސީ ފަރުވާއަށް ޚާއްޞަ ކުރެވޭ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު މާލެއަތޮޅު ގުޅިފަޅުގައި ޤާއިމު ކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާކަންވެސް ވަނީ ހާމަކުރައްވާފައެވެ. 
 
ނެޝަނަލް ޑްރަގް އެޖެންސީގެ އޯޕަންޑޭ 2019 ގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ބައިވެރިވެވަޑައިގެން އެހަރަކާތްތައްވަނީ ބައްލަވާލައްވާފައެވެ.