ޚަބަރު

ޕީއެސްއައިޕީ ބަޖެޓުން 2.6 ބިލިއަން ރުފިޔާގެ މަސައްކަތްވަނީ މިހާތަނަށް އެވޯޑްކޮށްފައި


މިދިޔަ އޮގަސްޓްމަހާ ހަމައަށް ޕަބްލިކް ސެކްޓަރ އިންވެސްޓްތަމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގެ ތެރެއިން ދޭއް ޕޮއިންޓު ހައެއް ބިލިއަން ރުފިޔާގެ މަޝްރޫއު ކުންފުނިތަކާއި ޙަވާލުކޮށްފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޕްލޭނިންގ މިނިސްޓްރިން މިހެން ވިދާޅުވި މުއައްސަސާގެ މަސައްކަތްކާގުޅޭ މަޢުލޫމާތު ދިނުމަށް ބޭއްވި "ނުވަގަޑި" ޕްރޮގްރާމްގައެވެ.

ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމްވަނީ މަޝްރުޢޫތައް ކުރިއަށްގެންދިޔުމުގައި ބަޖެޓުގެ ދަތިކަން ވަރަށްބޮޑަށް ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޢުމްރާނީ ގިނަ މަޝްރޫޢުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ ޑިޒައިނިންގެ މަސައްކަތް އެކަނި ނިންމޭވަރުގެ ކުޑަ ބަޖެޓެއްކަމަށް ވިދާޅުވެފައެވެ.

ޕްލޭނިންގ މިނިސްޓްރީންދަނީ ބަޖެޓު ހަމަޖެހިފައިވާ މިންވަރުން ޢަމަލީ މަސައްކަތް ކުރުމަށް ކުންފުނިތަކާ ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ބަލަހައްޓަމުން އަންނަނީ ޕްލޭނިން މިނިސްޓްރީންނެވެ. މިނިސްޓްރީގެ މަސައްކަތްތަކުގެ މަޢުލޫމާތު ދިނުމަށް ބޭއްވި "ނުވަގަޑި" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޕްލޭނިންގ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަންވަރު ޢަލީ ވިދާޅުވީ މިއަހަރުގެ މިހާތަނަށް 1.8ބިލިއަން ރުފިޔާ އެކި މަޝްރުޢުތަކަށް ޚަރަދުކޮށްފައިވާކަމަށެވެ.

ހުރިހާ މިނިސްޓްރީތަކަށް ބަހާލައިގެން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތައް ހިންގަމުން އަންނައިރު، ޕީއެސްއައިޕީން އެންމެބޮޑު ބަޖެޓެއް ކަނޑައަޅައި، އެންމެ ގިނަ ޢުމްރާނީ މަޝްރުތައް ހިންގަމުން އަންނަނީ ޕްލޭނިންގ މިނިސްޓްރީންނެވެ. މިނިސްޓްރީގެ މަސައްކަތްތަކުގެ މަޢުލޫމާތު ދިނުމަށް ބޭއްވި "ނުވަގަޑި" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޕްލޭނިންގ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަންވަރު އަލީ، މިދިޔަ މަހުގެ 25އާ ހަމައަށް ހަދާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޕްލޭނިންގ މިނިސްޓްރީން ޕީއެސްއައިޕީގެ 1.8ބިލިއަން ރުފިޔާގެ މަސައްކަތް އެވޯޑްކޮށްފައެވެ. މީގެތެރޭގައި ފެނާއި ނަރުދަމާއާއި ބަނދަރުގެ މަސައްކަތްކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. އަންވަރު ވިދާޅުވީ މިދިޔައަހަރު ފަށާފައިވާ މަސައްކަތްތަކަށްވެސް ޕީއެސްއައިޕީން ޚަރަދުކުރަމުންދާކަމަށެވެ.

"އަހަރުގެ ދެވަނަ ހާފް ނިމޭއިރު 2.5ބިލިއަން ރުފިޔާގެ މަޝްރޫޢުއަށް ޕީއެސްއައިޕީން ޚަރަދުކުރެވޭނެ. މިދިޔަ އަހަރު ފެށި މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުން ޚަރަދުކުރާ ފައިސާއާއި، މިއަހަރު އަލަށް އެވޯޑްކުރި ޕްރޮޖެކްޓްތަކާއިއެކު ފުރަތަމަ ކުއާޓަރގައި 2.2ބިލިއަން ރުފިޔާ ޚަރަދުކުރި" އަންވަރު ވިދާޅުވިއެވެ.

ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ދެން އެންމެގިނައިން ޚަރަދުކޮށްފައިވަނީ އެންވަރަންރަމަންޓް މިނިސްޓްރީންނެވެ. އެމިނިސްޓްރީންވަނީ 283 މިލިއަން ރުފިޔާގެ މަޝްރުޢު އެވޯޑްކޮށްފައެވެ. ހައުސިންގ މިނިސްޓްރީއިން 261 މިލިއަން ރުފިޔާ، އެޑިއުކޭޝަން މިނިސްޓްރީން ޕީއެސްއައިޕީން 169 މިލިއަން ރުފިޔާގެ މަސައްކަތް އެވޯޑްކޮށްފައިވެއެވެ.

މީގެއިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 51މިލިއަން ރުފިޔާ، ރައްޔިތުންގެ މަޖިލީހުގެ އެކި މަސައްކަތްތަކަށް 27މިލިއަން ރުފިޔާވަނީ ޕީއެސްއައިޕީން ޚަރަދުކޮށްފައެވެ. އަދި އިކޮނޮމިކް މިނިސްޓްރީއާއި ޓްރާންސްޕޯޓް އަދި ޔޫތް މިނިސްޓްރީންވެސްވަނީ ޕީއެސްއައިޕީ ބަޖެޓުން މަޝްރޫޢުތަކެއް އެވޯޑްކޮށްފައެވެ.