ތަރައްްޤީ

އައު ޕަސެންޖަރ ޓަރމިނަލްގެ ފައުންޑޭޝަން މަސައްކަތްތައް ދަނީ ކުރިއަށް - އެމް.އޭ.ސީ.އެލް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލަށް ބޭނުންވާ ފައުންޑޭޝަންގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ބުނެފިއެވެ.

ވީ.އައި.އޭ ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން އިމާރާތްކުރާ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އަލުން އެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރަމުންދަނީ ސަޢޫދީ އަރަބިއްޔާގެ ބިންލާދީން ގްރޫޕުންނެވެ.

އައު ޓަރމިނަލްގެ މަސައްކަތް ސަޢޫދީ ބިންލާދިން ގްރޫޕާއި އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، ބިންލާދީން ގްރޫޕާއެކު ވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސް، އެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު އެމް.އޭ.ސީ.އެލުން އަލުން ސޮއިކޮށްފައިވަނީ މިއަހަރުގެ ޖޫންމަހުގެ 27 ވަނަ ދުވަހުއެވެ.

އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތަށް 357 މިލިއަން ޑޮލަރު ޚަރަދުވާއިރު، މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ. ބިންލާދީން ގްރޫޕާއެކު ފަހުންވީ އެއްބަސްވުމުގެ ދަށުން ޓަރމިނަލްގެ ސައިޒަށް އެއްވެސް ބަދަލެއް ނާންނައިރު، ޓަރމިނަލުގެ އެތެރެއާއި ބޭރުގެ ޑިޒައިންނަށް ބައެއް ބަދަލުތައް ގެނެސް ދިވެހިވަންތަ ސިފަތަކެއް ފެނިގެންދާނެކަމަށް އެމް.އޭ.ސީ.އެލުން ވަނީ ބުނެފައެވެ.

އައު ޕަސެންޖަރ ޓަރމިނަލްގެ ފައުންޑޭޝަން އެޅުމަށް ބޭނުންވާ ޕައިލްތައް ހަރުކޮށް، ފައުންޑޭޝަންގެ މަސައްކަތްތައް ފަށާފައިވާއިރު، ޓަރމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ގާތްގަނޑަކަށް 30 މަސް ދުވަސް ހޭދަވާނެކަމަށް އެމް.އޭ.ސީ.އެލުން ވަނީ ބުނެފައެވެ. އަދި ޓަރމިނަލްގެ މަސައްކަތް އެއްކޮށް ނިންމުމަށްފަހު އެތަން ބޭނުން ކުރެވޭ ވަރުވާނީ 2022 ވަނަ އަހަރުގެ މެދުތެރޭގައިކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެއަރޕޯޓްގައި މިހާރު ހުރި ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެއް ނަމަވެސް، އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.