ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ ޚިދުމަތްތައް ވިލަރެސްކުރާނެ ފޯކަލް ޕޮއިންޓުން ތަމްރީން ކުރަނީ


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ވިލަރެސްކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކަނޑައަޅުއްވާފައިވާ ފޯކަލް ޕޮއިންޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ޙަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިފްހާމް ޙުސައިން ވިދާޅުވީ، މިފަދަ ޕްރޮގްރާމެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ބަޔާންކުރާ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ އެންމެހައި ވުޒާރާތަކާއެކު ގުޅިގެން މަސައްކަތްކުރުން ކަމަށެވެ. އަދި ޤާނޫނުގައި އިދާރާތަކާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބާރުއެޅުމަކީވެސް މި ޕްރޮގްރާމުގެ މަޤްޞަދެއްކަމަށްވެސް އިފްހާމް ވިދާޅުވިއެވެ.

15 އިދާރާއަކުން ބައިވެރިވި މި ތަމްރީނު ޕްރޮގްރާމްގައި ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް، ސީ.އާރު.ޕީ.ޑީއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނާއި މި ދާއިރާއާ ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ވަނީ ދީފައެވެ.

މިއީ މި ދާއިރާގެ ފޯކަލް ޕޮއިންޓުން ތަމްރީނުކުރުމުގެ ގޮތުން ބާއްވާ ފުރަތަމަ ޕްރޮގްރާމުކަމަށްވެސް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.