ޚަބަރު

ތިލަދުންމަތީގެ ދެރަށެއްގެ ސިއްޙީ ދާއިރާއާއި ގުޅުންހުރި ދެ މަޝްރޫއެއް ހިންގުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި


ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު ބޮޑުކުރުމުގެ މަޝްރޫޢާއި ހޯރަފުށީ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހިނގާނެ ޙަރަދާއި ޑިޒައިންކޮށް ކުރެހުމުގެ މަސައްކަތް ކުންފުންޏަކާ ހާވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ހޯރަފުށީ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހިނގާނެ ޙަރަދާއި ޑިޒައިންކޮށް ކުރެހުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީއާއެވެ. މި މަޝްރޫއު ނިންމަން ހަވާލުކޮށްފައިވަނީ 90 ދުވަހުގެ ތެރޭގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ އަމާޒަކީ ސިއްޙީ ހިދުމަތްދޭ ތަންތަނަކީ ހުރިހާ ޙިދުމަތެއް އެއްތަނަކުން ލިބޭނެހެން ތަރައްޤީ ކުރެވޭ ތަންތަން ކަމަށް ހެއްދެވުން ކަމަށެވެ. އަދި ހޯރަފުށީގައި ހޮސްޕިޓަލެއް ބިނާވެގެން ދިޔުމަކީ އެ ސަރަހައްދުގެ ހުރިހާ ރަށްތަކަށްވެސް ބޮޑެތި ފައިދާތަކެއް ވެގެންދާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހދ.ނޮޅިވަރަންފަރު ސިއްޙީ މަރުކަރު ބޮޑުކުރުމުގެ މަސައްކަތްވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ މި މަޝްރޫއަކީ އެއްމިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެކެވެ. ސިއްޙީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފަރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި މި މަސައްކަތަކީ 97 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.