ޚަބަރު

ފަސިންޖަރުން ލައިފްޖެކެޓް އެޅުން މަޖުބޫރުކުރަނީ!


ކަނޑުދަތުރުކުރާއިރު ހުރިހާ ފަސިންޖަރުންވެސް ލައިފްޖެކެޓް އެޅުމަކީ މަޖުބޫރުކަމެއްކަމަށް، ކުރިއަށް އޮތް ދެހަފްތާގެތެރޭގައި ކަނޑައަޅުއްވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް ބޭއްވި "ނުވަގަޑި މީޑީޔާއާއިއެކު" ޙަރަކާތުގައި ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލް ވިދާޅުވީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ވަރަށްބޮޑަށް ބަލަންޖެހިފައިވާކަމަށެވެ.

ކަނޑުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި ޢާދިލް ވިދާޅުވީ، ކަނޑުދަތުރުކުރާ ކޮންމެ އުޅަނދެއްގައިވެސް އެއުޅަނދެއްގެ ކެޕްޓަން ލައިފްޖެކެޓް އެޅުމަކީ މަޖުބޫރުކަމެއްކަމަށެވެ. އަދި އެ އުޅަނދަކުން ދަތުރުރާ ފަސިންޖަރުންނަށް ހަމަވާވަރަށް އުޅަނދުގައި ލައިފްޖެކެޓް ހުންނަންޖެހޭކަން އާދިލް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ކަނޑުދަތުރުކުރާ ހުރިހާ ފަސިންޖަރުންވެސް ލައިފްޖެކެޓް އެޅުން ކުރިއަށް އޮތް ދެހަފްތާއެއްހައި ދުވަހުގެތެރޭގައި މަޖުބޫރުކުރުވާނެކަމަށެވެ. މިކަމަކީ މާގިނަ މުއްދަތެއް ނުދިންނަމަވެސް ވަގުތުންވެސް ކުރުމަށް ތަކުލީފަކަށް ވާނެކަމެއް ނޫންކަމަށް އާދިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަމަކީ ކުރެވޭނެކަމެއްކަމަށާއި، ކުރިމަތިވާ ތަކުލީފާއި ދައްޗަށްވުރެ އެމީހެއްގެ ރައްކާތެރިކަމަށް ވިސްނުން މާމުހިންމުކަމަށެވެ.

"މިކަމަކީ ނުކުރެވޭނެކަމެއްނޫން. މިހާރުވެސް ރިސޯޓްތަކުގަ ގެސްޓުން ލައިފްޖެކެޓް އަޅާއިގެން އެ ދަތުރުކުރަނީ. އެހެންވެއްޖާ އާންމު ރައްޔިތުންނަށްވެސް މިކަންކުރަން އުނދަގުލަކަށް ވާންވީ ސަބަބެއް ނެތް. މިކަމަކީ ކޮންމެހެން އުނފަގުލާއި ތަކްލީފަށްވުރެ ބޮޑަށް ރައްކާތެރިކަން ބޮޑަށް ބޭނުންވަނީ." ޢާދިލް ވިދާޅުވިއެވެ.

ލައިފްޖެކެޓް އެޅުން މަޖުބޫރުކުރުމުން އެކަން ޤަވާއިދުން މޮނީޓަރކުރަމުން ދާނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

"މެރިން ޕޮލިހާއި، ކޯސްޓްގާޑާ ލާމަރުކާޒީ އުސޫލުން ރަށްރަށުގެ ޕޮލިސްޓޭޝަންތަކާއި ކައުންސިލްތަށްވެސް ގުޅިުގެން މިކަން މޮނިޓަރކުރެވޭނެ. ކޮންމެ އުޅަނދެއް ބަލާ ފާސްކުރާ ވާހަކައެއްނޫން. ރޭންޑަމްކޮށް އުޅަނދުތައް މެރިން ޕޮލިހާއި ކޯސްޓްގާޑުން ބަލަމުން ގެންދާނެ ވަރަށް އިސްކަމެއް ދެއްވައިގެން." ޢާދިލް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިއީ މަޖުބޫރުކަމަކަށްވުމުން ކުރާކަމަކަށް ހެދުމުގެ ބަދަލުގައި ފަރުދީ ޒިންމާ އަދާކުރުމަށް ޢާއްމުންނަށް އިލްތިމާސްކުރައްވާފައެވެ.

ދާދިފަހުން ނޮޅިވަރަމްފަރުން ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައި ފަސްމީހުން މަރުވި ހިތާމަވެރި ހާދިސާއާގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީންވަނީ އުޅަނދުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކާއި އުޅަނދުފަހަރުގެ ވެރިން އަދި އުޅަނދުފަހަރުގެ ކެޕްޓަނުން ދަތުރަށް ފެށުމުގެކުރިން އުޅަނދަށް ފަސިންޖަރުން އަރުވާފައިވަނީ ހުއްދަ ކޮށްފައިވާ މިންވަރަށްކަން ޔަޤީންކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ފަސިންޖަރުންނަށް ލައިފްޖެކެޓް އަޅާނެގޮތް ބުނެދީ ފަސިންޖަރުން ލައިފްޖެކެޓް އެޅުވުމާއި، ސަލާމަތީ ކަންކަން އުޅަނދުގައި ފުރިހަމަވެފައި ހުރިކަން ޔަގީންކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އިރުޝާދުދެއްވާފައެވެ.

މީގެއިތުރުން ދަތުރުކުރާ ހުރިހާ ވަގުތެއްގައި މުވާސަލާތީ އާލާތްތައް ބޭނުންކުރެވޭނެ ގޮތަށް ހުޅުވާފައި ހުރުމާއި، ދަތުރަށް ބޭނުންވާވަރަށް ތެލާއި ހަކަތައާއި ފެންހުރިކަން ކަށަވަރުކުރުމަށާއި، ސަލާމަތާއި ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯ ބަލައި މޫސުމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށްފަހު މޫސުމަށް ބަލައިގެން ދަތުރަށް ފެށުމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.