ސިޔާސީ

ސަރުކާރާމެދު ރައްޔިތުން ތިބީ މާޔޫސްވެފައި - އިދިކޮޅު


މިސަރުކާރާމެދު ރައްޔިތުން މިހާރުތިބީ މާޔޫސްވެފައިކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާއި ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން ސަރުކާރު ބަދަލުވިފަހުން ފުރަތަމަ ފަހަރަށް އަތޮޅުތަކަށް ކުރެއްވި ކެމްޕޭން ދަތުރަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މިދަތުރުން އެންމެ ބޮޑަށް ފެނުނީ މިސަރުކާރާމެދު ރައްޔިތުންމާޔޫސްވެފައިވާ މަންޒަރުކަމަށެވެ.

ޢަބްދުއްރަހީމް ވިދާޅުވީ އދ.އަތޮޅުގެ ތިން ރަށަށް ކުރި ދަތުރުން ރައީސް ޔާމީނަށް އޮތް ތާޢިދު ފެނިފައިވާކަމަށާ، ސަރުކާރަށް ތާޢީދު ގެއްލެމުންދާކަމަށެވެ. އޭނާ ވަނީ ރައީސް ޔާމީން އިސްވެ ހުންނަވާ ކުރެއްވި މިދަތުރަކީ އެޕާޓީ ވަރުގަދަކުރުމަށާއި، ލޯކަލް ކައުންސިލް އިންތިޚާބަށް ތާޢީދު ހޯދުމަށް ކުރި ދަތުރެއްކަމަށެވެ.

"ޕާޓީ ވަރުގަދަ ކުރުމަށާ ލޯކަލް ކައުންސިލް އިންތިޚާބަށް ތާޢީދު އިތުރުކުރުމަށް ކުރި ދަތުރެއް މިއީ. އަދި ރައްޔިތުންގެ ވިސްނުމާއި ފިކުރު ހުރިގޮތް ބެލުމަށް ކުރި ދަތުރެއް. އަޅުގަނޑުމެންނަށް ފެނުނީ މިސަރުކާރާމެދު ރައްޔިތުން މާޔޫސްވެފައިވާ މަންޒަރު." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އދ.މަހިބަދޫއާއި ކުނބުރުދޫއާއި ދަނގެއްޗަށް ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރެއްވި މިދަތުރުގައި އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕީޕީއެމް ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށްފަހު އަތޮޅުތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މަހިބަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އިންތިޚާބު ނާކާމިޔާބުވުމަށްފަހު ޕާޓީ އެންމެ ވަރުގަދަ ކުރަންވީ ދުވަސްވަރު ބައެއް ބޭފުޅުން އެޕާޓީ ދޫކުރައްވާ ވަޑައިގަތުމަކީ ހިތްދަތިކަމެއްކަމަށެވެ. ރައީސް ޔާމީން ވަނީ އެބޭފުޅުން އަލުން ޕާޓީޓީއާއި ގުޅިވަޑައިގަތުމަށްވެސް ގޮވާލައްވާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނުފޫޒްގަދަ ބައެއް ބޭފުޅުން ދާދި ފަހުންވަނީ ޕީޕީއެމް ޕީއެންސީ ދޫކުރައްވާ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.